އުރީދޫ ނޭޝަން އިންޓަރއޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2026، އުރީދޫ މޯލްޑިވްސްއިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރާއްޖޭގެ އެކި މުއައްސަސާތައް ތަމްސީލުކުރާ 26 ޓީމަކުން ޖުމްލަ 30،000 ރުފިޔާގެ ފައިސާގެ އިނާމަށް ވާދަކުރި އެ މުބާރާތަކީ އުރީދޫ ނޭޝަންގެ ދަށުން އިންތިޒާމުކުރި މުބާރާތެކެވެ. އެ މުބާރާތަކީ ވަޒީފާ އަދާކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ ގޭމިންގ ހުނަރު ދައްކާލުމަށާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫހު ވަރުގަދަކުރުމުގެ އިތުރުން ރާއްޖޭގައި ފުޅާވަމުން އަންނަ އީ-ސްޕޯޓްސް މުޖުތަމައުއާ ގުޅުން ބަދަހިކުރުމަށް ފަހިކޮށްދިން ވާދަވެރި މަންސައެއް ކަމަށް އުރީދޫން ބުނެއެވެ.
މި އަހަރުގެ މުބާރާތުގައި މަގުބޫލު ތިން އީ-ސްޕޯޓްސް ގޭމެއް ހިމަނާފައިވެއެވެ. އެއީ ޕަބްޖީ މޮބައިލް (ޕަބްޖީއެމް)، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭ ސްޕޯޓްސް އެފްސީ (އީއޭއެފްސީ) އެވެ. މިއިން ކޮންމެ ގޭމަކަށް ފައިސާގެ އިނާމުގެ ގޮތުގައި 10،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ފޯރިގަދަ މެޗުތަކަކަށް ފަހު، މޮބައިލް ލެޖެންޑްސް ބޭންގް ބޭންގް ކެޓަގަރީން އެއްވަނަ ހޯދައި ޗެމްޕިއަންކަން ކާމިޔާބުކުރީ ޔުނައިޓެޑް ބީއެމްއެލްއެވެ. މި ކެޓަގަރީން ދެވަނަ އެމްއޭސީއެލް ހޯދިއިރު، ތިންވަނަ ހޯދާފައިވަނީ އެޗްޑީސީ ލެޖެންޑްސްއެވެ.
ޕަބްޖީ މޮބައިލް ކެޓަގަރީގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީން ހޯދިއިރު، ދެވަނަ ހޯދީ ކްލަބް އޭވީސެކްއެވެ. އަދި ތިންވަނަ ހޯދާފައިވަނީ އައިލެންޑް އޭވިއޭޝަން އައިއެފްއެސްއެވެ.
އީއޭ ސްޕޯޓްސް އެފްސީ މުބާރާތުގެ ޗެމްޕިއަންކަން ހިވިން އިންވެސްޓްމަންޓްސްގެ ހުސައިން ޔައިޝް ހޯދިއިރު، ދެވަނަ ހޯދީ ލޮނުހިރި ޕްރައިވެޓް ލިމިޓެޑްގެ ހަސަން ފައުޒާނެވެ. އަދި ތިންވަނަ ހޯދާފައިވަނީ ޕޮލްކޯގެ އަރްފާއުއެވެ.
ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ކެޓަގަރީން ޗެމްޕިއަންކަން ހޯދި ކޮންމެ ޓީމަކަށް 5،000 ރުފިޔާ ދީފައިވާއިރު، ދެވަނައަށް ދިޔަ ޓީމުތަކަށް 3،000 ރުފިޔާ އަދި ތިންވަނައަށް ދިޔަ ޓީމުތަކަށް 1،500 ރުފިޔާ ވަނީ ދީފައެވެ. މީގެ އިތުރުން، މިއިން ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ކުޅުންތެރިޔާ (އެމްވީޕީ) ގެ އެވޯޑަށް 500 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އީއޭ ސްޕޯޓްސް އެފްސީ ކެޓަގަރީގެ ޗެމްޕިއަނަށް 5،000 ރުފިޔާ ދީފައިވާއިރު، ދެވަނަ އަދި ތިންވަނަ ހޯދި ފަރާތްތަކަށް ތަރުތީބުން 3،000 ރުފިޔާ އަދި 2،000 ރުފިޔާ ވަނީ ދީފައެވެ.
އިންޓަރއޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ފަދަ ހަރަކާތްތައް މެދުވެރިކޮށް، އުރީދޫ ނޭޝަނުން ދަނީ ރާއްޖޭގެ އީ-ސްޕޯޓްސްއަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތުތައް ފުޅާކޮށްދީ، ވާދަވެރި ގޭމިންގގައި ބައިވެރިވުމަށް ހިތްވަރުދެމުންނެވެ. އަދި ހަމައެއާއެކު، އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި އެއްބާރުލުމާއި، އެކުވެރި ވާދަވެރިކަމާއި ގުޅުންތައް އާލާކުރުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ.

