ދާލު އަތޮޅު ރިނބުދޫގައި ޢިމާރާތްކޮށްފައިވާ ބަނދަރުހިޔާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ރިނބުދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރިނބުދޫއަކީ ރަށުވަންތަކަމުގެ ރީތި އިޙްސާސާއި، ސާފުތާހިރުކަމާއި އަދި ރައްޔިތުންގެ އެއްބައިވަންތަކަމަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށެވެ. އަދި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށާއި، ރަށުގެ ރަށުވަންތަކަން ދެމެހެއްޓުމަށްޓަކައި ކައުންސިލުން އިސްނަގައިގެން ރައްޔިތުންނާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، އަބަދުވެސް އެގޮތުގައި ރަށުގެ މުސްތަޤުބަލު އުޖާލާކުރުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ކޮންމެ އިންސާނެއްގެ މެދުގައިވެސް ވިސްނުމާއި ޚިޔާލު ތަފާތުވުންތަކެއް ހުންނާނެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިފަދަ ހިޔާތަކުގައި މަޑުކޮށްލައިގެން ތިބެ ވާހަކަދެއްކުމުގެ ސަބަބުން، ދިމާވާ ހިތްހަމަނުޖެހުންތަކާއި ހިތްތަކުގައި ހުންނަ ނުތަނަވަސްކަން ފިލައި، އެކުވެރިކަމާއި ޢާއިލީ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ. މީގެއިތުރުން، މިފަދަ އިޖުތިމާޢީ ކަންކަމުގައި އިސްނަގައިގެން މަސައްކަތްކުރާ ކޮންމެ ކައުންސިލަކަށްވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މުޅި ދުނިޔެއަށް މިއަދު ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި، ކެރިވަޑައިގެން ސާބިތުކަމާއެކު ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ކުރައްވާ މަންޒަރު ފެނިގެންދާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދަވަނީ ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެއާއެކު، ސަރުކާރުން އިސްނަންގަވައިގެން ފައްޓަވާފައިވާ ބިޔަ މަޝްރޫޢުތައް ކުރިއަށްގެންގޮސްގެން ނޫނީ މިހާރު ތިބި ހަރުފަތުން އެހެން ހަރުފަތަކަށް ވާސިލުނުވެވޭނެ ކަމަށާއި، ރަސްމާލެ މަޝްރޫޢަކީ ދިވެހި ރައްޔިތުންގެ މުސްތަޤުބަލު އުޖާލާކޮށް އެތަކެއް ލާބައާއި މަންފާ ހޯދައިދިނުމަށް ހިންގޭ މުހިންމު މަޝްރޫޢެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރިނބުދޫގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ކައުންސިލްގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި ޞިއްޙީ މަރުކަޒަށް ބޭނުންވާ އިތުރު ޢިމާރާތްވެސް އެޅިގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލްގެ ފަރާތުން ވަނީ އެމަނިކުފާނަށް ހަނދާނީ ފިލައެއް އަރުވާފައެވެ.
ބަނދަރުހިޔާ ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ޢިމާރާތް ބައްލަވާލައްވާފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން، ރިނބުދޫގެ ޒުވާނުންގެ ދަޢުވަތަކަށް އެ ރަށުގެ ދެ ޓީމެއްގެ މެދުގައި ކުޅުނު ފުޓްސަލް މެޗުގައިވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

