ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޢަބްދުﷲ ޝަރީފު، ޢައްޔަން ކުރައްވައިފިއެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ޢަބްދުﷲ ޝަރީފާއި ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޢަބްދުﷲ ޝަރީފު، ޢައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައިކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ މަޤާމާއިހަވާލުވުމުގެ ކުރިން ޢަބްދުﷲ ޝަރީފް ހުންނެވީ ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ ކަމުގެ މަޤާމުގައެވެ.
ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަޤާމަށް، ޢަބްދުﷲ ޝަރީފް ޢައްޔަންކުރައްވާފައި މިވަނީ، މާޗްމަހުގެ 31 ވަނަ ދުވަހުގެރޭ، އެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުންއައި އަޙްމަދު ނުއުމާން ނިޔާވުމާއި ގުޅިގެންނެވެ. ނުއުމާން ނިޔާވި ހިސާބުން ފެށިގެން ޢަބްދުﷲ ޝަރީފް ވަނީ ފާއިތުވެ ދެތިންމަހެއްހައި ދުވަހު ވަގުތީގޮތުން ކަސްޓަމްސްގެ ހިންގަވައިދެއްވާފައެވެ.

