ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާނު ޑީއާރުޕީއަށް ސޮއިކޮށްފިއެވެ.
މޭނާ ހައްސާން ޑީއާރުޕީއާއި ގުޅިވަޑައިގެންފައިވާކަން ހާމަކޮށްފައިވަނީ އެ ޕާޓީގެ އޮފިޝަލް ޓްވިޓާރ ހޭންޑަލްއިންކޮށްފައިވާ ޓްވީޓެއްގައެވެ. ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ބައްދަލުކޮށް ސޮއިކުރި ވީޑިއޯވެސް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
މޭނާ ހައްސާނު ޑީއާރުޕީއަށް ސޮއިކުރައްވާތަން ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާ ޖާބިރު ވިދާޅުވީ މޭނާ ހައްސާނަކީ ”ބްރަދާއެއް“ ކަމަށެވެ. އަދި މޭނާ ހައްސާން ރާއްޖޭގެ ސިޔާސީ ދާއިރާއަށް ނިކުތުމަކީ ލިބުނު ހިއްވަރެއްގެ ގޮތުގައި ޖާބިރު ވަނީ ފާހަގަކުރައްވާފައެވެ.
https://twitter.com/chairmanjabir/status/1290655396579901448
ޖާބިރު ވިދާޅުވީ އޭނާއަކީ މޭނާ ހައްސާންގެ އެންމެ ބޮޑު އެއް ސަޕޯޓަރުކަމަށެވެ. އެއަށްފަހު ވަނީ މޭނާ ހައްސާންގެ މަޝްހޫރު ”ވަގުތު ނެތޭ، ވަގުތު ނެތޭ“ ލަވައިގެ ތަންކޮޅެއް ހިއްސާކުރައްވާ އެންމެން ވެސް މަސައްކަތަށް ނިކުމެ ޑީއާރުޕީއާއި ގުޅިވަޑައިގަތުމަށް ގޮވާލާފައެވެ.
ޕާޓީއަށް ސޮއިކުރުމަށްފަހު މޭނާ ހައްސާނާއި، ޖާބިރު ބައްދާލައެވެ. އަދި މިއީ ދިވެހި ރައްޔިތުން އެންމެ ލޯބިވާ އެއް ޕާޓީކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މޭނާ ހައްސާންގެ ލަވައަކަށް ދެ ބޭފުޅުން ނައްޓަވާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

