ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފިޔަވައި ގައުމަކަށް ކުރިމަތި ބަލި މަޑު ކަމަކުން ވައްކަންކުރި ސަރުކާރެއް ދެކިވަޑައި ނުގަންނަވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިސަރުކާރަކީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ނައްތާލުމުގެ ދަޅަ ދައްކައިގެން ވެރިކަމަށް އައި ސަރުކާރެއް ކަމަށެވެ. ނަމަވެސް މިސަރުކާރު ވެރިކަމަށް އައިފަހުން ވައްކަންނުކުރާ އެންމެ ދިމާލެއްވެސް ފެންނާކަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މިހާރު މުޅި ގައުމަށް ކުރިމަތިވެފައިވާ ކޮވިޑްގެ މިހާލަތުގައިވެސް ސަރުކާރުން ބަލަނީ ވައްކަމެއް ކޮށްލެވޭތޯ ކަމަށެވެ. ވެރިކަމުގެ ފުރަތަމަ އަހަރު 32 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް އަދި މިއަހަރަށް 39 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްގެންވެސް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިސަރުކާރު ވެރިކަމާއި ޙަވާލުވި ފަހުން ރައްޔިތުންގެ ޙައްޤުތައް ގެއްލި ޒަރޫރީ ބޭނުންތައްވެސް ފުއްދޭނެ ގޮތެއް ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މިހާރު މިސަރުކާރަށް ކުރަން އެނގޭހާވެސް ކަމަކީ ހުރިހާ ކަމަކާއި ކޮވިޑާއި ގުޅުވުން ކަމަށާއި ކަމެއް ނުވާއިރަށް އެކަމަކީ ކޮވިޑްގެ ސަބަބަން ދިމާވާ ކަމެއް ކަމަށް ދައްކަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދާއި ރާއްޖެގެ އިއްތިޞާދަށް ކުރިމަތިވާ ކަންކަން ދެނެގަނެ، ހާލާތާއި ގުޅޭ ގޮތަށް ކަންކަން މެނޭޖްކުރުމުގެ ޤާބިލުކަން މިސަރުކާގައި ނެތް ކަމަށެވެ.
ރައީސް ސޯލިހަށް ދިވެހިރާއްޖޭގެ އިޤްތިސާދަށް ދިމާވާ ހީނަރުކަން މެނޭޖްކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށާއި، އަދި އެކަން ރަނގަޅު ކުރުމަށް ލަފާ ދޭ ބަޔެއްގެ ބަސްވެސް އެމަނިކުފާނު ޤަބޫލު ނުކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާއި ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ރިޒާވްގައި ހުރީ ދުއިސައްތަ މިލިއަނެއް ހާ ޑޮލަރު ކަމަށާއި ނަމަވެސް ވެރިކަން ނިމުނުއިރު، އެ އަދަދު ހަތް ސަތޭކަ މިލިއަނަށްވުރެ ވެސް ގިނަ ކަމަށެވެ.

