ތ. ކިނބިދޫން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅަކާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި, އެމީހާ ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ 19:44 އެހާކަންހާއިރު ތ. ކިނބިދޫ ރަށުތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެންކަމަށެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅު ފެނިފައިވަނީ އެމީހާ ހުއްޓުވައި، ބަލައިފާސްކުރަން އުޅުމުން އޭނާގެ އަތުން އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމާއި ގުޅިގެން އެވަގުތު އޭނާ ހުރި ތަން ބަލައިފާސްކުރިއިރު އޭނާ ހުރިދިމާ ބިންމަތިން ކަމައްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

