ރާއްޖޭގައި ހިންގަމުންދާ ޝިޕިން އެޖެންސީތައް ރެގިއުލޭޓް ކުރުމަށްޓަކައި ޓްރާސްޕޯޓް އޮތޯރިޓީން ޝާއިއުކޮށްފައިވާ ގަވައިދު ”ދިވެހިރާއްޖޭގެ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވައިދު“ އުވާލާފައިވާ ކަމަށް ބުނާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅާފައިވާ ކަން އޭސީސީން ވަނީ ކަށަވަރުކޮށްދީފައެވެ.
ރާއްޖޭގައި ހިދުމަތް ދޭ ހުރިހާ ޝިޕިން އެޖެންސީތަކެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ލާޒިމްކޮށް ގަވާއިދެއް އެކުލަވާލީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. ނަމަވެސް މިމަހުގެ 17 ވަނަ ދުވަހު އެ ގަވާއިދު ވަނީ އުވާލައިފަ އެވެ.
ޝިޕިން އެޖެންސީތަކާއި ވިޔަފާރިވެރިންގެ ތެެރެއިން 70 ފަރާތް ސޮއިކޮށް އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެ ގަވާއިދު މިނިސްޓަރު ނަހުލާ އުވާލެއްވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނާ ޚިލާފަށް ކަމަށާއި އެކަން ކުރީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ފައިދާ ހޯދައިދޭން ކަމަށެވެ.
ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގައި ބުނެފައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީނުކޮށް އެއްވެސް ފަރާތަކުން ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމަކީ މަނާކަމެއްކަމަށެވެ.
ޤަވާއިދު ކުރިން އޮންނަ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކަށް ޝިޕިން އެޖެންޓުންގެ ގޮތުގައި ވަކި ހާއްސަ ލައިސަންސަކާއި ނުލާ ހަރަކާތްތެރިވެވޭނެއެވެ. މިއީ ބައިނަލްއަޤްވާމީ ގޮތުން މިކަން އޮންނަ ގޮތެއް ނޫންކަމަށް ބުނެ ޝިޕިންގ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


One Response
ޖީބޮޑުކުރަންހަދާގެން ލަޑެއްލިބުނީދެއްތޯ ބުނަން ކޮއްމެސްހިސާބަކުން
ލަޑެއް ނުލިބިނުދާނެ ގާސިމުނޫންފަހަތުގަ ހުރީ ސާބަސް