ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމް.އާރް.ޑީ.ސީ ބޯޑުގެ 04 މެމްބަރެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއާރްޑީސީ)ގެ ލޭންޑިންގ ކްރާފްޓްގެ މައްސަލާގައި، އެކުންފުނީގެ ބޯޑުގެ 4 މެމެބްރުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފިއެވެ.

2014 ވަނަ އަހަރު  އެމްއާރްޑީސީއަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތަށް، ލޭންޑިންގ ކްރާފްޓް ގަންނަ އަގުގެ 50 އިންސައްތައަށްވާ ފައިސާ ދީފައިވަނީ އެމްއާރްޑީސީގެ ބޯޑު މެންބަރުންގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމަށްކަމަށް ބުނާ މައްސަލަ އެކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. އަދި އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި އަންގާރަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަންވެސް އޭސީސީއިން ވަނީ ހާމަކޮށްފައެވެ.

މިމައްސަލައަކީ 16 އޮކްޓޫބަރު 2018 ގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް އޭރުގެ ކޮމިޝަނުން ނިންމާފައިވާ މައްސަލައެކެވެ. އެހެންނަމަވެސް، 22 ޑިސެމްބަރު 2019 ގައި މި މައްސަލަ އަލުން ރިވިއު ކޮށްދިނުމަށް އެދި މައްސަލަ ތަހްގީގުކުރި ޓީމުން އެދިފައިވާތީ، މިމައްސަލައިގެ ފައިލް އަލުން ހުޅުވައި ތަހްގީގު ފުރިހަމަ ކުރުމަށް 24 ފެބުރުވަރީ 2020 ގައި ބޭއްވި ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމުން ވަނީ ނިންމާފައެވެ. އަދި މިމައްސަލައިގެ ތަހްގީގު ފުރިހަމަކުރުމަށް 01 މާރިޗު 2020 ގައި އިންވެސްޓިގޭޝަން ޓީމާއި ވަނީ ހަވާލުކޮށްފައެވެ.އަދި  29 ސެޕްޓެންބަރު 2020ގައި ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައަކީ އެގޮތުން ފުރިހަމަކޮށްފައިވާ ތަހްގީގާއި ގުޅޭ މައްސަލައެއްކަމަށް އޭސީސީއިން ބުނެއެވެ.

މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ، އެމްއާރްޑީސީގެ ކުރީގެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޒީމް، މުހައްމަދު ރިޔާޒް، އަހްމަދު ރަޝީދު އަދި މުހައްމަދު އަލީ ދީދީގެ މައްޗަށެވެ. މިބޭފުޅުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެމް.އާރް.ޑީ.ސީ އަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަށް އިސްލާހު ގެނެސް ލޭންޑިންގ ކްރާފްޓް ގަންނަ ޖުމްލަ އަގުގެ %50 (ފަންސާސް އިންސައްތަ) އަށްވާ 7,494,200.00 (ހަތް މިލިއަން ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ދުއިސައްތަ) ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެމްއާރްޑީސީގެ ބޯޑުން ފާސްކޮށްފައިވަނީ، އެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޒީމް، މުހައްމަދު ރިޔާޒް، އަހްމަދު ރަޝީދު އަދި މުހައްމަދު އަލީ ދީދީއަށް އެނގިހުރެކަމަށް ތަހުގީގަށް ހާމަވާކަމަށް އޭސީސީއިން ބުނެއެވެ.

މީގެ އިތުރަށް އެފައިސާ ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް، އިބްރާހީމް ނަޒީމް އެއްބަސްވުމުގެ އިސްލާހުގައި ސޮއިކޮށް، ޕޭމަންޓް ވައުޗަރ އެޕްރޫވްކުރީވެސް އޭނާގެ އެ އަމަލުގެ ނަތީޖާ އެނގިހުރެ، މަޤާމުގެ ނުފޫޒުބޭނުންކޮށްގެން ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއްނެތް މިންވަރަށް ތަހުގީގަށް ސާބިތުކުރެވޭކަމަށްވެސް އޭސީސީއިން ވަނީ ބުނެފައެވެ.

ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، އިބްރާހީމް ނަޒީމް، މުހައްމަދު ރިޔާޒް، އަހްމަދު ރަޝީދު އަދި މުހައްމަދު އަލީ ދީދީގެ މައްޗަށް ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމީކަމަށްވެސް އޭސީސީއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: