ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުގެ އަސުރު ނަމާދާއެކު ހުކުރު މިސްކިތް ހުޅުވާލަނީ

މާލޭ ހުކުރު މިސްކިތް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުގެ އަސުރު ނަމާދާއެކު ހުކުރު މިސްކިތް ހުޅުވާލުމަށް ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުން ނިންމައިފިއެވެ.

ހުކުރު މިސްކިތް ބަންދުކޮށް، ނަމާދުކުރުން ހުއްޓާލާފައިވަނީ އެމިސްކިތުގެ އާބާތުރަ ފިލުވުމަށްޓަކައެވެ. އަދި 1 އޮކްޓޫބަރ ބުރާސްފަތި ދުވަހުން ފެށިގެން ޖަމާއަތުގައި ނަމާދުކުރުމަށް ނިންމާފައިވާކަމަށް އެމަރުކަޒުން ބުނެއެވެ.

މިދުވަސްވަރަކީ، ކޮވިޑް-19ގެ ދުވަސްވަރަށް ވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އާންމުކޮށްފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މިސްކިތަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް އަމަލުކުރެއްވުމަށް އެމަރުކަޒުން ވަނި އިލްތިމާސްކޮށްފައެވެ. އެގޮތުން، ގެއިން ވުޟޫކޮށްގެން ދިޔުމާއި، އަމިއްލަ މުސައްލަ ގެންދިޔުމާއި މާސްކު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރޯގާ ޖެހި، ހުން އައިސް ކެއްސާނަމަ މިސްކިތަށް ނުދިޔުމަށާއި، ނަމާދަށްފަހު މިސްކިތުގައި މަޑުނުކުރުމަށާއި، ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިޔުމަށާއި، މިސްކިތުގައި ހުންނަ މުސްހަފު ބޭނުން ނުކުރުމަށާއި، މިސްކިތުން ދިމާވާ އެކަކު އަނެކަކާއި އަތް ޖޯޑުކޮށް ސަލާމް ނުކުރުމަށްވެސް ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުން ވަނީ އިލްތިމާސްކޮށްފައެވެ.

 

މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް އެމިސްކިތް ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އަދި މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްފައިވަނީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން އެގައުމުގެ އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާއިންނެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ކުރި މަސައްކަތުގެ ތެރެއިން، އެކި ދިރާސާތައް ވަނީ ކޮށްފައެވެ. އެގޮތުން، ދިވެހި އަމިއްލަ ކުންފުންޏެއް ކަމަަށްވާ ވޯޓާ ސޮލިއުޝަންސްގެ ފަރާތުން ހުކުރު މިސްކިތާއި އެސަރަހައްދުގެ ލޭޒާ ސްކޭން ވީޑިޔޯއެއްވެސްް މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާއި ވަނީ ހަވާލުކޮށްފައެވެ. މިލޭޒާ ސްކޭން ވީޑިޔޯގައި މިސްކިތުގެ ލަކުޑިން ހަދާފައިވާ ބައިތަކުގެ ވީޑިޔޯއާއި، މަރާމާތު ކުރަން ޖެހޭބައިތަކުގެ ވީޑިޔޯ ވަނީ ރައްކާ ކުރެވިފައެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ކުރި މަސައްކަތުގެ ތެރެއިން، ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. އެތައް އަހަރެއްވަންދެން މުންނާރު ރަނގަޅަށް ބަލަހައްޓާފައިނުވުމުގެ ސަބަބުން، މުންނާރުގައި ފެހި ޖަހައި، މުންނާރުގެ އަސްލު ސިފަ އޭރު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. އެހެންނަމަވެސް، ހުސްވި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މުންނާރު ރީތިކުރުމުގެ އަމަލީ މަސައްކަތް މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާއި ސަގާފީ ތަރިކަ ރައްކާކުރާ މަރުކަޒާއި ސްޓެލްކޯ ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވަން ފެށިއިރު، އެތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފައި

ހުކުރު މިސްކިތާއި މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގައި ސަމާލުވާންޖެހޭ ކަންކަން ހުންނަކަމުގައި މީގެކުރިންވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެހެންކަމުން، މިކަމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމުގައި މިނިސްޓްރީއިން ބުނެއެވެ. ކޮންޒަވޭޝަންގެ ހަމަތަކަށް ސަމާލުވާންޖެހޭ ކަމަށާއި، އުވަ އަދި ހިރިގައު ބޭނުންކޮށްފައި ހުރުމުގެ ސަބަބުން ޒަމާނީ ދަވާދާއި ކުލަ ފަދަ ތަކެތި ބޭނުންނުކުރެވޭނެކަމަށް މިނިސްޓްރީއިން މައުލޫމާތު ދީފައިވެއެވެ. އަދި މަސައްކަތްކޮށްފައިވާނީ މިސްކިތުގެ އަސްލު ނުގެއްލޭ ގޮތަށްކަމަށް ވަނީ ބުނެފައެވެ.

މިސްކިތް މަރާމާތު ކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ ތެރޭގައި މިސްކިތުގެ ބައިތަކާއި، މުންނާރާއި، މިސްކިތުގައި ބަހައްޓާފައި ހުންނަ ވަޅުތަކުގެ އާބާތުރަ ފިލުވުމަށް ވަނީ މަސައްކަތްކޮށްފައެވެ. ހުކުރު މިސްކިތަށް ގާތްގަނޑަކަށް 300 އަހަރަށްވުރެ ގިނަަ ދުވަސްވެފައިވާއިރު، މީގެ ކުރިން 2012 ވަނަ އަހަރުވެސް އެމިސްކިތް ވަނީ މަރާމާތުކޮށްފައެވެ. ހުކުރު މިސްކިތާއި ހިރިގަލުން ހަދާފައިވާ އެހެން މިސްކިތްތައްވެސް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމަށް ސަރުކާރުންނާއި މިނިސްޓްރީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: