އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކިކުރުމަށް ހުށަހެޅިފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް އެ މައްސަލަ ދިރާސާ ކުރާ ކުރީ މަޖިލީހުގެ ކޮމިޓީން ފާހެއް ނުވި އެވެ.
އޭސީސީގެ މެމްބަރުން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ އިގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އެވެ. މީގެ ކުރިން ވެސް މެމްބަރު ހަސަން ވަނީ އޭސީސީގެ މެމްބަރުން ވަކިކުރަން ހުށަހަޅައިފަ އެވެ. ނަމަވެސް އެފަހަރު ނިންމީ އޭސީސީގެ މެމްބަރުން ވަކިކުރާ މައްސަލަ އެހެން ދުވަހަކަށް ފަސް ކުރުމަށެވެ.
މިއަދުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ހަސަން ވަނީ އޭސީސީގެ މެމްބަރުންގެ މައްސަލަ އޮފް ދަ ރެެކޯޑުގައި މަޝްވަރާކުރުމަށް ހުށަހަޅައިފަ އެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން ތާއީދު ކުރެއްވީ އެންމެ ދެ މެމްބަރުން ކަމުން އެ ހުށަހެޅުން ފާސްވެފައެއް ނުވެއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އޭސީސީގެ މެމްބަރުން ވަކިވަކިން ކޮމިޓީ އަށް ހާޒިރުކޮށްގެން އެ ކޮމިޝަނުގައި ހުރި މައްސަލަތައް ދެނެގަތުމަށް ހުށަހެޅިއެވެ. އެ ހުށަހެޅުން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމު (އަނދުން ހުސެއިން) އެވެ. އެ ހުށަހެޅުމަށް ހަ މެމްބަރަކު ވޯޓު ދެއްވުމުން އެ ހުށަހެޅުން ވަނީ ފާސްވެފައެވެ.
ޝަހީމްގެ ހުށަހެޅުމަށް ދެކޮޅު ހައްދަވަމުން ކޮމިޓީގެ ނައިބު މުގައްރިރު އަދި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ކޮމިޝަނަށް އާ މެންބަރުން އައްޔަނުކުރެވުނުފަހުން އެދެވޭ ނަތީޖާއެއް ނެރެވެމުންނުދާ ކަމަށެވެ.

