މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަނިކޮށް އޭނާ އަމިއްލައަށް ގެއަށް އައިސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ބ. މާޅޮސް، ކީސްފިލާ، ޢަބްދުﷲ މުޢާޒު (30އ) ގެއްލިގެން ހޯދަމުންދާކަން ފުލުހުން އިއުލާން ކުރިތާ އިރުކޮޅެއް ފަހުން އޭނާ އަމިއްލައަށް ގެއަށް އައިސްފައިވާކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އޭނާ ގެއްލިގެން އިއްޔެ ހަވީރު ފުލުހުންނަށް ރިޕޯޓް ކުރީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިގެންނެވެ.
ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އޭނާ ހޯދުމަށް އިއްޔެ ހަވީރުން ފެށިގެން ރޭ 23:00 ހާއިރު ވަންދެން ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވުމުން ފުލުހުން ވަނީ އޭނާ ހޯދަން ރޭ އިއުލާން ކޮށްފައެވެ.

