ކާގޯ ފެރީއާއިއެކު ސަޕްލައި ދޯނިތަކާއި ނާލު ބޯޓުތަކުގެ އޮޑިވެރިން ގޮތްހުސްވެ ބިކަވެފައިވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާއި ދެމެދު ކުރާ ކާގޯ ފެރީގެ ދަތުރުތަކުގެ ސަބަބުން ކާބޯތަކެތީގެ އަގު ހެޔޮވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިިދާޅުވެ ދެއްކެވި ވާހަކާއާ ގުޅިގެންނެވެ.
އެގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާގޯ ފެރީގެ ސަބަބުން ސަޕްލައި ދޯނިތަކާއި ނާލު ބޯޓުތަކަށް ލިބޭ ދަތުރުތައް މަދުވެ، އެ އުޅަނދުތަކުގެ ބޭނުން ކުޑަ ވެއްޖެ ކަމަށެވެ.
”[ކާގޯ ފެރީގެ ސަބަބުން] އޮޑިވެރިން އިތުރަށް ބިކަވެއްޖެ. މާލިމީންނާއި ފަޅުވެރިން މަގުމަތިވެއްޖެ. ހުސް އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު. ކާކު ޒިންމާ ވާނީ؟“ އާދަމް ޝަރީފް ވިދާޅުވިއެވެ.
Cargo ferry ge sababun supply dhoani thakaai naalu boat thakah libey dhathuruthah madhuve, e ulhandhuthakuge beynun kudave, odiverin ithurah bikavejje! Maalimeennaai falhuverin magumathivejje! Hus iquthisaadhah kuraa neydhevey asaru! Kaaku zimmaa vaanee? https://t.co/VEGkVW1lpF
— Adam Shareef Umar (@Adamshareefz) December 23, 2020
އިންޑިއާގެ ޓުޓިކޮރިންއާއި ގދ. ތިނަދުއާ ދެމެދު ކާގޯގެ ހިދުމަތް ފެށުމަށް އިއްޔެ ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް، މި ނިޒާމު ކައިރި ގައުމުތަކާ ގުޅާލެވި، އަވަސް ހިދުމަތްތަކެއް އެކަށީގެންވާ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒުކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށްކުރާ މަސައްކަތްތަކުގައި، ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި ކާގޯގެ ހިދުމަތް ފެށިގެންދިއުމަކީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

