ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑު ވެކްސިން ދިނުން: މަޖުބޫރުކަމެއް ނެތް، ކުޑަކުދިންނަށް މި ވެކްސިން އަދި ނުޖަހާނެ!

ކޮވިޑާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ސާމްޕަލް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން/ ފޮޓޯ: ސަންގު އެމްވީ --- މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ވެކްސިން ދެނީ، ބަލި ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި ކަމަށާއި، އެހެން ކަމުން މިއީ އެއްވެސް މީހެއްގެ މައްޗަށް މަޖުބޫރުކަމެއް ނޫންކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

ވެކްސިން ދިނުމާއި ގުޅޭގޮތުން މައުލޫމާތުތައް ހިއްސާކޮށް އެޗްޕީއޭއިން ބުނީ ވެކްސިން ގައުމުތަކަށް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ކޯވެކްސް ފެސިލިޓީގައި ރާއްޖެއިން ބައިވެރިވެފައިވާ ކަމަށެވެ. އަދި ކޯވިކްސް ފެސިލިޓީގެ ތެރެއިން، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ވެކްސިން ލިބޭނެކަމަށް ލަފާކުރެވޭކަމަށެވެ.

އެސްޓްރާޒެނެކާ (AstraZeneca) ފަދަ ވެކްސިން އުފައްދާ ގައުމުތަކުން، ވެކްސިން ގެނައުމުގެ މަސައްކަތުގެ ދަށުން، 700،000 ވެކްސިން ގެނައުމަށް އެ ކުންފުންޏާއި އެކު އެއްބަވުމެއްގައި ރާއްޖޭން ވަނީ ސޮއިކޮށްފައެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ވެކްސިން ޖަހަން މަޖުބޫރު ނޫން ނަމަވެސް، ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑު-19 ފެތުރުން ކޮންޓްރޯލް ކުރެވޭނެކަމަށެވެ. އަދި އާއްމު ހާލަތަކަށް ރުޖޫއަވުން އަވަސްވާނެ ކަމަށް ވަނީ ބުނެފައެވެ.

”ވަކި ފަރުދަކަށް ބަލައިފިކަމުގައި ވާނަމަ ވެސް މި ވެކްސިން ޖެހުމުން، އޭނާ މި ބަލިން ރައްކާތެރިވުމުގެ އިތުރުން ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން ބަލި ޖެހުމުގެ ފުރުސަތު ކުށަކޮށްދެއެވެ.“ އެޗްޕީއޭ

ކޮވިޑާއި ދެކޮޅަށް މިހާތަނަށް އުފެއްދި ވެކްސިންތަކަކީ ވަކި އުމުރުފުރާއަކަށް ހާއްސަކޮށް ޓެސްޓުކުރި ވެކްސިނެކެވެ. އަދި ވެކްސިން ޓެސްޓުކުރުމުގައި 16 އަހަރުން ދަށުގެ ކުދިން ހިމަނާފައި ނުވާތީ ކުޑަކުދިންނަށް މި ވެކްސިން ނުދޭނެކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ރާއްޖޭގައި ވެކްސިން ޖެހުމުގައި އިސްކަން ދޭނެ ތަރުތީބު ކަނޑައަޅާފައިވަނީ ތިން ބަޔަކަށެވެ. އެއީ ސިއްހީ ހިދުމަތުގައި އަދި އިޖްތިމާއީ ހިދުމަތުގައި އިސް ސަފުގައި މަސައްކަތް ކުރާ މީހުންނާއި، ހައިރިސްކު ކެޓަގަރީ ނުވަތަ ބަލީގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި، އަސާސީ ހިދުމަތް ދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަށް ނުވަތަ ފްރަންޓްލައިނާސް އެވެ.

ވެކްސިންދިނުމުގައި އިސްކަންދޭތަރުތީބު ބަހާލައިފައި ވަނީ:

1. ސިއްހީ ހިދުމަތުގައި އަދި އިޖްތިމާއީ ހިދުމަތުގައި އިސްސަފުގައި މަސައްކަތްކުރާ މީހުން:

މީގެ ތެރޭގައި ހިމެނެނީ: ޞިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން، ބަލިމީހުންނަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ފަރާތްތަކާއި، ބަލިމީހުންނަށް ފަރުވާދޭ ތަންތަނުގައި ކުނި ނުވަތަ ބަލިމީހާގެ ހަށިގަނޑުން ބޭރުވާ ދިޔައަކަށް ނުވަތަ ނަޖިހަކަށް ހުށަހެޅޭފަދަ މަސައްކަތްތައް ކުރާ މީހުންނާއި އުމުރުން ދުވަސްވީމީހުންނާއި އެހެނިހެން އިޖްތިމާއީ ޙާލަތްތަކުގައި ހިމެނޭ މީހުންނަށް ހިދުމަތްދޭ މީހުންނެވެ.

2. މި ބައްޔަށް ހުށަހެޅިއްޖެނަމަ، އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުން:

މީގެ ތެރޭގައި ހިމެނެނީ އުމުރުން 50 އަހަރުން މަތީގެ މީހުން، އަދި އުމުރުން 50 އަހަރާއި 18 އަހަރާ ދެމެދުގެ
މީހުންގެ ތެރެއިން:

  • ކެންސަރު ބައްޔަށް ފަރުވާކުރަމުންދާ މީހުންނާއި މި ބައްޔަށް ފަރުވާކޮށް ނިމުނުތާ އަހަރެއް ހަމަނުވާ
    މީހުން
  • ހަކުރު ބަލި ހުންނަ މީހުން
  • ހިތުގެ ބަލިތައް ހުންނަ މީހުން
  • ސްޓްރޯކެއް ޖެހިފައިވާ މީހުން
  • އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަން މަތި މީހުން (ބީ.އެމް.އައި 40ން މަތި މީހުން) ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީބާރު ދަށްވެފައިވާ މީހުން
  • ކިޑްނީ ބަލީގެ ސްޓޭޖް 3 އަދި 4 ގެ ބަލިމީހުން
  • ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަޙައްމަލުކުރަމުންދާ މީހުން
  • ތެލެސީމިއާ/ސިކްލްސެލް އެނީމިއާ ހުންނަ މީހުން

 

3. އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން

  • ޓީޗަރުން
  • ފުލުހުން
  • ސިފައިން
  • ރާއްޖެއިން ބޭރުން އަންނަ ދަތުރުވެރިންނަށް ޚިދުމަތްދިނުމުގައި އިސްސަފުގައި ހަރަކާތްތެރިވާ މީހުން
  • އެއާރޕޯޓުގެ އިސްސަފުގައި ހަރަކާތްތެރިވާ މުވައްޒަފުން (މީގެ ތެރޭގައި ސާފުކުރާ މީހުންނާއި ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ހިމެނޭ)
  • ޓްރެވަލް އެޖެންސީތަކުގެ ކައުންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުން
  • މަތިންދާބޯޓުގެ ފަޅުވެރިން (މީގެ ތެރޭގައި ސާފުކުރާ މީހުންނާއި ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ހިމެނޭ)
  • ފަތުރުވެރިކަމުގެ ދާއިރާގެ އިސްސަފުގައި މަސައްކަތްކުރާ މުވައްޒަފުން
  • ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން.އެއްގަމާއި ކަނޑުގެ ޕަބްލިކް ޓްރާންސްޕޯޓްގައި މަސައްކަތްކުރާ މީހުން ހިމެނުންވެސް މުހިންމު

 

އެޗްޕީއޭއިން ބުނެފައިވަނީ، ވެކްސިން ދޭނީއެކަމަށް ހާއްސަކޮށް އެކުލަވާލާފައިވާ ބައިނަލްއަގުވާމީ އޮނިގަނޑުތަކާއި އެއްގޮތަށް ކަމަށެވެ. ވެކްސިން ދިނުމުގައި އަމަލު ކުރަންވީ މިންގަނޑަށް ބަލައި، ކޯލްޑް ޗެއިން ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، އަދި ވެކްސިން ދިނުމުގެ ޕްލޭން އެކުލަވާލުން ކުރިޔަށް ދާކަމަށް އެ އޭޖެންސީއިން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވަނީ ތައްޔާރީތައް ވުމުގެ ގޮތުން، ވެކްސިން ދޭނެ ގޮތާއި، އަދި އޭގެ ސަބަބުން އެ މީހެއްގެ ހަށިގަނޑަށްކޮށްފާނެ ނޭދެވޭ އަސަރުތަކަށް ސިއްހީ ހިދުމަތްތެރިން ތަމްރީނުކުރަމުންދާކަން ފާހަގަކޮށްފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ރާއްޖޭގައި ބޭނުންކުރާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އޭގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ވެކްސިން ކަމަށެވެ. އަދި ކޮންމެ ވެކްސިންއެއް ރައްކާކޮށް ފޯރުކޮށްދިނުމުގައި، އެ ބަހައްޓަންޖެހޭ ފިނިހޫނުމިން ބަލަހައްޓާނެ ކަމަށެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 40%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: