މާލޭގައި ހިންގާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ލިބެމުންދާ ގެއްލުންތަކަަކީ މާލެ ސިޓީ ކަައުންސިލާއި ސަރުކާރުން ސީރިއަސް ގޮތެއްގައި ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގައި ހިނގާ ކެފޭ، ރެސްޓޯރަންޓް، ސައި ހޮޓާތަކަށް ލިބެމުންދާ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކަކީ ސިޓީ ކައުންސިލްއާއި ސަރުކާރުން ސީރިއަސް ގޮތެއްގައި ސަމާލުކަން ދޭން ޖެހޭ ކަންކަން ކަމަށެވެ.
”އެ ވިޔަފާރިތައް ދަނީ ބަނގުރޫޓު ވަމުން. އެތައް ރައްޔިތުންނެއްގެ ވަޒީފާ ދަނީ ގެއްލެމުން،“ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިންމެންދެން ހައުސިން މިނިސްޓަރު ކަން ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކެފޭ ރެސްޓޯރެންޓްތައް ހުޅުވާ ހިންގަމުން އައިސްފައިވަނީ ވަކި މިންގަނޑުތަކެއްގެ ތެރެއިންނެވެ.
ކޮވިޑް-19 އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ރޭގަނޑު 08:00 އިން ފެށިގެން ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތް ހޯދުމަކީ މަނާ ކަމެކެވެ.

