ގަދަ 10އަކަށް ދަރިވަރުން ހޮވުމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕް ދިނުމުގައި ހަމައެކަނި އޭޕްރީލް/މެއިގެ އިމްތިހާނުގެ ނަތީޖާއަަށް ބަލާގޮތަށް ނިންމި ނިންމުން ބާތިލްކޮށްފި އެވެ.
ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގައާއި ސްކޮލާޝިޕް ދިނުމުގައި ބަލާނީ އޭޕްރީލް/މޭގެ އިމްތިހާނު ނަތީޖާއަށް ކަމަށް އެޑިއުކޭޝަނުން އިއްޔެ ހާމަކުރުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ މިއަދު ވިދާޅުވީ އައިއޭއެލްގެ ޓައިމްޓެބަލްއަށް ގެނައި ބަދަލާއި ގުޅިގެން ގިނަ ދަރިވަރުންތަކަކަށް ނުތަނަވަސްކަން ކުރިމަތި ވެފައިވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ ހިޔާލުތަކަށް އަޑުއެހުމަކީ މުހިއްމުކަމެއް ކަމުގައި ދެކޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު، ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގައާއި ސްކޮލާޝިޕް ދިނުމުގައި އަމަލު ކުރުމަށް ކުރިން ނިންމި ނިންމުން ރިވިއުކޮށްފައިވާކަމަށެވެ. އެއާއެކު ކޮންމެ ދުވަސްވަރެއްގައި އިމްތިހާނުގައި ބައިވެރިވި ނަަމަވެސް، އިމްތިހާނުގައި ފުރަތަމަ ފަހަރަށް ބައިވެރިވާ ދަރިވަރުން ޓޮޕް 10 އަދި ޕްރެޒިޑެންޝަލް ސްކޮލާޝިޕަށް އެލިޖިބަލް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މި މައްސަލައިގައި ދަރިވަރުންގެ ހިޔާލު ހޯދުމަށް ސްކޫލުތަކުގައި އެދިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ދަރިވަރުން އެދެނީ އޭޕްރީލް/މެއި އިމްތިހާނުގައި ނުވަތަ އޮކްޓޫބަރު/ނޮވެމްބަރު އިމްތިހާނުގައި ބައިވެރިވުންތޯ ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

