މާލެ ސިޓީގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ އަކީ ފެހި އަދި ހިތްފަސޭހަތަނަކަށް ވާންޖެހޭ ކަމަށާއި މި ފެހިކަން ހާސިލުކުރުމަށް މާލޭގެ މަގުތަކާއި އާންމު މައިދާންތަކާއި އަދި ޕާކުތަކުގައި ގަސްތައް އިތުރުކުރަންޖެހޭ ކަމަށެވެ.
އެގޮތުން މާލެގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ކައުންސިލްގެ އަމާޒަކީ ހަ މަސް ދުވަސް ތެރޭ މިކަމަށް ވާާންޖެހޭ ތައްޔާރީތައް ނިންމައި ޖެނުއަރީ 1، 2022 ގައި މި ޕްރަގްރާމްގެ އަމަލީ މަސައްކަތް ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތް ކުރިއަށްދާނެ ގޮތަށް ބަލާއިރު މިކަމުގައި ބައިވެރިވާނެ ފަރާތްތައް ހޯދައި، މިކަމުގައި ހިލޭ ސާބަހަށާއި ސީއެސްއާރްގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތްތައް ހޯދުން ކުރިއަށްގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ފަންނީ ފަރާތްތަކުގެ އެހީގައި އިންދާނެ ގަސްތައް ކަނޑައެޅުމާއި، ގަސްތައް އިންދާނެ ދިމާތައް ކުރިއަށްގެންދާނީ ވަކު ތަރުތީބެއްގެ ތެރެއިން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މާލެއަކީ ފެހި އަދި ހިތްގައިމު މާހައުލަކަށް ހެދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

