ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަނެ، މީޑިއާއެއްގެ މަސްދަރެއް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީއާއި ސަލާމަތީ ސިއްރު މައުލޫމާތުތައް ނޫސްވެރިއަކާއި ހިއްސާކުރި މައްސަލައަށް މަޖިލީހުގައި މިއަދު ވަނީ ބަހުސްކޮށްފަ އެވެ.
”ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި“ ސުރުހިގެ ދަށުން ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ”މިހާރު“ ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ރައީސް ނަޝީދުގެ ސެކިއުރިޓީއާއި އެމަނިކުފާނުގެ އާއިލާއާއި އެކު ދިރިއުޅުއްވަމުން ގެންދަވާ ގ. ކެނެރީގެ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކެއް ހާމަކޮށްފައިވާކަމަށް ބުނެ އެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީން ދަނީ ބަލަމުންނެވެ.
މި ކަމާ ގުޅިގެން ނޫހަށް މައުލޫމާތު ދިން މަސްދަރު ހޯދަން މަސައްކަތް ކޮށްފާނެތީ ނޫސްވެރިން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
މައްސަަލައިގައި ބަހުސް ކުރުމަށް، މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ހުޅުވާލީ ރިޔާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައެވެ.
ފުރުސަތަކަށް އެދިވަޑައިގެން ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މީޑިއާއެއްގައި ޝާއިއު ކުރި ރިޕޯޓާއި މެދު ކަންބޮޑުވާކަމަށެވެ. އަދި އޭގައި ހުރި ވާހަކަތައް އެހެން ގޮތަކަށް އަނބުރާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާއިރު އެކަމާއި މެދު ނުރުހުންފާޅުކޮށް މަޖިލީހުން ވާހަކަ ދެއްކުން އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުމެއް ނޫންކަމަށް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ، މިވަގުތު ފެންނަނީ ރައްޔިތުންގެ މަޖިލީހާއި މެމްބަރުންނާއި މެދު ނުބައި ތަސައްވުރެއް ފެތުރުމުމަށް މަސައްކަތް ކުރާތަން ކަމަށެވެ. އެހެން ނަމަވެސް، ނޫސްވެރިކަމުގެ ހައްގަކަށް އަރައިގަނެ، ނޫސްވެރިން އާއްމުކުރާ ހަބަރުތަކުގައި ހިމަނާ މަސްދަރުތައް ހޯދަން ނޫޅޭކަމަށް އޭނާ ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ ކަންބޮޑުވަނީ ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ ފޫގޮސްފައި އޮތް މިންވަރު މި މައްސަލައިން ފާހަގަކުރެވެތީ ކަމަށެވެ. އަދި ބައެއްގެ ރައްކާތެރިކަމަށް ނުވަތަ ސަލާމާތްތެރިކަމަށް ސީދާ ދިފާއީ ބާރުގެ ތެރެއިން ލިބެން ހުންނަ މައުލޫމާތުތައް ހާމަ ކުރުމުން ކަމަށެވެ. މިއީ ބައެއްގެ ރައްކާތެރިކަމަށް އެޅުނު ހުރަހެއްގެ ގޮތުގައި މީކާއިލް ވިދާޅުވިއެވެ.
ކަންބޮޑުވާކަމަކީ ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ ފޫގޮސްފައި އޮތް މިންވަރު މީގެއިން ހާމަވުންކަމަށާއި ރިޕޯޓުގައި ހިމަނާފައި ހުރީ ބައެއްގެ ފުރާނަ ނުރައްކަލަށް ވައްޓާލައި ސީދާ ދިފާއީ ބާރުގެ ތެރެއިން ލިބެން ހުރި މައުލޫމާތުތަކެއްކަމަށް މީކާއިލް ވިދާޅުވިއެވެ.
”މި އުޅެނީ އެއްވެސް ހާލެއްގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަނެ، ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް މަސްދަރެއް ހާމަކުރަން ބަޔަކަށް މަޖުބޫރެއް ކުރާކަށް ނޫން. އަޅުގަނޑުމެން މި އުޅެނީ ދިފާއީ ބާރުން… ގާނޫނު އަސާސީގެ ދަށުން ދިފާއީ ބާރަށް މަޖުބޫރު މެންޑޭޓެއް އެބޭފުޅުން ފުރިހަމަ ނުކުރައްވާތީ އަދި ދިފާއީ ބާރުގެ ތެރެއިން ފޫ ގޮސްގެން… ފުރާނައަށް ނުރައްކާވެދާނެކަމަށް ފެންނާތީ އެކަމެއް ތަހުގީގު ކުރަން“ މީކާއިލް
މީކާއިލް ވިދާޅުވީ، ރައީސް ނަޝީދުގެ ސެކިއުރިޓީއާއި ގުޅޭގޮތުން މީޑިއާއަކުން ގެނެސްދިން ރިޕޯޓާއި ގުޅިގެން 241 ކޮމިޓީން ނިންމި، ނިންމުމަށް އޭނާ ތާއީދު ކުރާ ކަމަށެވެ. އަދި މި މައްސަލައަކީ އޭގެ އެންމެ ފުންމިނަށް ގޮސް އެމްއެންޑީއެފްގެ ތެރެއިން މިފަދަ މައުލޫމާތުތައް މީޑިއާއަށް ލީކު ކުރާ ފަރާތްތަކަކީ ކޮބައިތޯ ދެނެގަނެ، ފިޔަވަޅު އަޅަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ.
މި މައުލޫމާތު ލީކު ކުރި، ދިފާއީ ބާރުގެ އޮފިސަރު މަގާމުން ދުރު ކުރެވެންޖެހޭކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.


One Response
މި މަންޖެވެސް ވަރަށް ފޯރިއެއް އެބަހުއްޓެއްނު