ދިރާސީ އާ އަހަރު ބޭނުން ކުރުމަށް ދަރިވަރުންނަށް ދޫކޮށްފައިވާ ފޮތްތަކުން، ގްރޭޑު އެކެއްގެ ދަރިވަރުންގެ އިސްލާމް ފޮތުގައި ކީރިތި ގުރުއާނުގެ ބައެއް އާޔަތްތަކެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ފެންމަތިވެފައިވަނިކޮށް ގްރޭޑު 12 ގެ ފޮތުން ވެސް އެފަދަ މައްސަލައެއް ފާހަގަ ކުރެއްވިޖެ އެވެ.
ގްރޭޑް އެކެއްގެ ގުރުއާން މާއްދާގެ ދަރިވަރުންގެ ފޮތް ޗާޕްކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާ މައްސަލައެއް ފެންމަތިވެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މައްސަލަ ބަލަން ފަށާފަ އެވެ. ގްރޭޑް އެކެއްގެ ޤުރުއާން ފޮތުގައިވާ އެ މައްސަލަ ފާހަގަވެ އާއްމުންގެ ފާޑުކިއުންތައް އަމާޒުވުމުން އެޑިއުކޭޝަނުން ބުނީ، އެ ފޮތްތަކަކީ ޕްރިންޓްކުރުމުގެ ކުރިން ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އާއި އިސްލާމިކް މިނިސްޓްރީން ބަލައި ޗެކްކޮށް އެޕްރޫވްކުރި ފޮތްތަކެއް ކަމަށެވެ. އެހެންވެމި ފޮތްތަކުގައި މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމަށް ބަޔާނުގައި ވެއެވެ.
އިސްލާމް ފޮތުގައި އެއްވެފައި ވަނީ ސޫރަތުއް ނާޒިޣާގެ ބައެއް އާޔަަތްތަކާއި ސޫރަތުއް ނަބާގެ ބައެއް އާޔަތްތަކެކެވެ. އެ ފޮތުގެ 64 ސޮފުހާގައި ވާ ސޫރައްތުއް ނަބާގެ 24 ވަނަ އާޔަތާއި ހަަމައިން އަންނަނީ ނާޒިޔަތު ސޫރަތުގެ 08 ވަނަ އާޔަތުން 14 ވަނަ އާޔަތެވެ. އަދި އާޔަތައް ފޮތުގައި ލިޔެފައިވާއިރު، އަރަބި ނަމްބަރު ނުބައިކަން ވެސް ފާހަގަ ކުރެވެ އެވެ.
މިކަން ވީހަވެސް އަވަހަށް ހައްލު ކުރަން މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަނުން ބުނެފައިވަނިކޮށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވަނީ ގްރޭޑު 12 ގެ ދަރިވަރުންގެ ފޮތުގައި ވެސް ވާ އެފަދަ މައްސަަލައެއް ފާހަގަ ކުރައްވާފަ އެވެ.
އެ ފޮތުގެ 39 ވަނަ ސޮފުހާގެ އިސްލާމީ އަގީދާގެ ދަށުން ގެނެސްދީފައިވާ ފިލާވަޅެއްގައި ”ސަހާބީންނާއި މެދު އަހުލުއްސުންނަތި ވަލްޖަމާޣަތިގެ އަގީދާ“ ދަށުން އަންނަ ނަމްބަރުތަކުގައި މާތްﷲ ގެ ވަހީ ބަސްފުޅެއް ހިމަނާފައި ވަނީ ނުބައިކޮށެވެ. ނުބައިކޮށް ލިޔެފައިވަނީ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތެވެ.
ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވެސް ވަނީ ނުބައިކޮށް. އަވަސް ފުރުޞަތެއްގައި މިކަންކަން ރަނގަޅު ކުރައްވަންޖެހޭ.@aisthly @sunbrk @VaguthuOnline @MVIaffairs pic.twitter.com/GHjXXsSA53
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 4, 2021
ޑރ. ޝަހީމް އެދިވަޑައިގެންނެވީ ވީހާވެސް އަވަސް ފުރުސަތެއްގައި މި މައްސަލަ ހައްލުކޮށް ދޭންށެވެ.
މި މައްސަލައިގައި ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެޑިއުކޭޝަނުން ހަމައެކަނި ނެރެލީ ބަޔާނެވެ. އަދި މިއީ މިނިސްޓްރީން ޒިންމާވާންޖެހޭ ކަމެއް ނޫންކަމަށް ދޭހަވާ މޭރުމަކުން އެ ބަޔާނުގައި ވަނީ ވާހަކަ ދައްކާފަ އެވެ. ތަކުރާރުކޮށް ސުވާލު ކުރުމުން އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ވެސް މި މައްސަލައިގައި ޖަވާބެއް ލިބޭ ގޮތެއް ނުވި އެވެ.

