ރައްޔިތުން ބަލައިނުގަންނަ ބަޔަކާއި އެކު ވެރިކަން ކުރަންޖެހި އެންމެ ފަހުން ވެރިކަން ލިބުނު އެމްޑީޕީން ސަރުކާރު ހިންގަން ޖެހެނީ ”އިނގިރޭސި މޫސާ މަނިކާ ހުޅުލެ މޫސާގެ އެ އޮންނަ ވަޒީފާ“ އާއި އެކުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
ބޮންޑެ މިފަދައިން ވިދާޅުވީ ”ސަންގު ޓީވީ“ ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ގެންނަންޖެހޭކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ، ބޮންޑެ ގަބޫލު ކުރާ ގޮތުން ބަރުލަމާނީ ނިޒާމެއްގައި އެފަދަ މައްސަލައެއް ދިމާ ނުވާނެ އެވެ. އަދި ވެރިކަމުގެ ދެވަނަ ބުރެއް ނުވަތަ ކުދި ކުދި ޕާޓީތައް ބޭނުންކޮށްގެން އިންތިހާބު ކާމިބު ކުރަން މަސައްކަތް ކުރަން ވެސް ނުޖެހޭނެ އެވެ. ފުރަަތަމަ ބުރުގައި އެމްޑީޕީއަށް މަދުވާ އެންމެ 05 ވަރަކަށް އިންސައްތަ ހޯދަން، އެހެން ޕާޓީތަކުގެ އެހީ ހޯދައިގެން ސަރުކާރުގެ އެތެރެ ގަޑުބަޑުވުން ނޫން އިތުރު ކަމެއް ނުހިނގާނެކަމަށް ބޮންޑެ ވިދާޅުވި އެވެ.
ބޮންޑެ ވިދާޅުވީ މިއަދު ސަރުކާރުގެ އެތެރޭގައި ތިބީ ރައްޔިތުން ބަލައިގަންނަ ބައެއް ނޫން ކަމަށެވެ. މިސާލެއްގެ ގޮތުގައި ހޯމް މިނިސްޓްރީ ނަންގަވައި ބޮންޑެ ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން އިތުރުވަމުންދާއިރު ވެސް ފުލުހުންގެ މުވައްސަސާއަށް ކުރެވޭ ކަމެއް ނެތް ކަމަށެވެ.
ކުށް ކުރާ މީހުންގެ އަދަދުތައް އިތުރުވެ، އެއްބަޔަކު ބޮން ގޮއްވައި އަނެއް ބަޔަކު ކިލޯއިން މާލެއަށް މަސްތުވާތަކެތި އެތެރެ ކުރަމުންދާއިރު ހަރުދަނާ ފިޔަވަޅެއް ނޭޅޭ ސަބަބާއި މެދު އޭނާ ސުވާލު އުފެއްދި އެވެ.
ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަން ޖެހެނީ އެ ސަބަބާއި ހުރެކަމަށާއި، ކޯލިޝަން ވެރިކަމެއް ނުކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ. ބޮންޑެ ސިފަ ކުރި ގޮތުން މިއީ ކޯލިޝަނެއްގެ ނަމުގައި ރައްޔިތުން ބަލައިނުގަންނަ ބަޔަކަށް، ސަރުކާރުގެ ވަކި އިންސައްތައެއް ދޭން ޖަހާ ސަކަރާތެކެވެ.
ގާނޫނު އަސާސީ ބުނާގޮތުން ވެރިކަމަށް އާދެވެނީ ރިޔާސީ އިންތިހާބުން 51 އިންސައްތަ ރައްޔިތުންގެ ވޯޓު ލިބިގެންނެވެ. އެ އަދަދު އިންތިހާބުގެ ފުރަތަމަ ބުރުން ހަމަނުވުމުގެ ސަބަބުން އިންތިހާބު ކާމިޔާބު ކުރަން ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވޭހެން ކޯލިޝަނެއް ހަދާއިރު މިއީ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫނެވެ. އަދި އެކުލަވާލާ ކޯލިޝަން ސަރުކާރެއްގައި އެކި ޕާޓީތަކަށް ބައި ބެހުމުގެ ސަބަބުން ވެރިކަމަށް ސީދާ އަންނަ ޕާޓީގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ދަތިތައް ދިމާވެއެވެ.
ރާއްޖެ ފެޑެރަލް ނިޒާމަކަށް ދާންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެއީކަމަށް ބޮންޑެ ވަނީ ވިދާޅުވެފަ އެވެ.
”ސަރުކާރުގެ އެންމެ ބޮޑު ވުޒާރާ… މިސާލަކަށް ބައްލަވާލައްވާ ޓޫރިޒަމް މިނިސްޓްރީ އާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ… އާއި ހުރިއްޔާ ހުރިހާ ބޮޑު މިނިސްޓްރީއެއް… އަޅުގަނޑުމެންނަށް އޮތީ ހުޅުލޭ މޫސާގެ.. އޭރު އޮތެއްނު އިނގިރޭސި މޫސާ މަނިކާ ހުޅުލެ މޫސާގެ އެ އޮންނަ ވަޒީފާ އަޅުގަނޑުމެންނަށް އޮތީ.. އެ ވަޒީފާގައި މާރިޔާ ހުންނެވީ. ދެން އިތުރު ވަޒީފާއެއް އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑުމެންގެ ހުރިކަމެއް.. އެއީ ކުރީގެ ހުޅުލެ މޫސަ އެ ހުރި މަގާމުގައި އާއި އިނގިރޭސި މޫސާ މަނިކު ހުރި މަގާމު އެމްޑީޕީއަށް އޮތީ. އިތުރު މަގާމެއް ނުލިބޭ.. ދެން އެ މަގާމުގައި ވެސް އެ އޮތީ ޖެހިގެން އުޅޭ މައްސަލަ“ ބޮންޑެ
ސަރުކާރު ހިންގުމުގައި ހުރި ދަތިތަކަށް އަލިއަޅުވާލައްވައި ބޮންޑެ ވިދާޅުވީ އެންމެ ބޮޑު ދެ ވުޒާރާއަކީ ޓޫރިޒަމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ ކަމަށެވެ. ރާއްޖޭގެ އިގްތިސޯދީ މައި ތަނބުގެ ދެ ސިނާއަތް ކުރިއަރުވަން އޮތް ވުޒާރާ ހިންގުމަށް ތިބީ ޖުމްހޫރީ ޕާޓީގެ މެމްބަރުންކަން ފާހަގަކޮށް ބޮންޑެ ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ވާހަކައެއް ތަންފީޒު ކުރުމަށް އެބޭފުޅުން މަސައްކަތް ކުރައްވަފާނެކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.
މިއީ ބަލައިގަންނާނެކަމެއް ނޫންކަން ފާހަގަކޮށް ބޮންޑެ ވިދާޅުވީ ބޭނުންވަނީ އިތުބާރު ކުރެވޭ، ސީދާ މެނިފެސްޓޯއަށް މަސައްކަތް ކުރާނެ ބައެއް ކަމަށެވެ.
އެމްޑީޕީއަށް ލާދީނީއަށް ގޮވައި، ރައީސް ނަޝީދު މަރާލަން ގޮވައި ބޭނުންހާ ބަސްތަކެއް ބޭނުން ކުރާ ބައެއް އެކުގައި ހިންގޭނެ ސަރުކާރެއް ނޯންނާނެކަމަށް ބޮންޑެ ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި އެ މީހުން އެއީ އެމްޑީޕީން ފޮނުވާ ގާނޫނެއް ތަންފީޒު ކުރާނެ ބައެއް ނޫންކަން ވެސް ފާހަގަ ކުރެއްވި އެވެ.
ބޮންޑެ ވިދާޅުވީ ވުޒާރާތަކަށް ބޭނުންވަނީ އެ މަސައްކަތް ކުރެވޭނެ ބައެއް ކަމަށެވެ. އެއްގޮތަކަށް ވެސް އެމްޑީޕީއަށް މަސައްކަތް ކުރާ ބައެއް ބޭނުން ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

