މިސަރުކާރުގައިވެސް ވައްކަމާއި ކޮރަޕްޝަން އެބައޮތް ކަމަށާއި އެކަން ގަބޫލުކުރައްވާކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދޮންބިލެތް ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގެ ފުރިހަމަ އޮޑިޓެއް އެންމެ ފުރަތަމަ ފަހަރަށް އެކުލަވާލަން ފެށީ މިސަރުކާރުގައި ކަމަށެވެ. އެގޮތުން ކޮވިޑްގެ ކަންކަމުގައި ސަރުކާރުގެ ވުޒާރާތަކުން ކުރާ ހޭދަ ބެލުމަށް މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ހުށައެޅުއްވި ކަމަށާއި ކޮންމެ ތިން މަހަކުން ވުޒާރާތަކުން ކުރާ ހޭދައިގެ ރިޕޯޓެއް މަޖިލީހަށް ފޮނުވަން ފެށީ މިސަރުކާރުގައިކަމަށް ދޮންބިލެތް ވިދާޅުވިއެވެ.
އެރިޕޯޓުތައް ފޮނުވަން ފެށުމާއެކު ސަރުކާރުގެ ވުޒާރާތަކުގައި ހުރި ބައެއް ކަންކަން ފާހަގަވާން ފެށި ކަމަށާއި އެހެންކަމުން އެމައްސަލަތައް ބަލައި، މިހާރު މައްސަލަތައް ޝަރީއަތަށް ފޮނުވާފައިވާ ކަމަށެވެ. އަދި ބައެއް މައްސަލަތަކުގައި ބަދަލު ހޯދަންވެސް މިހާރު ފޮނުވާފައިވާކަމަށް ދޮންބިލެތް ވިދާޅުވެފައިވެއެވެ.
”ވެންޓިލޭޓަރު މައްސަލައަކީވެސް އަޅުގަނޑުމެން ބަލައި، ބަހުސްކޮށް އަދި އެމައްސަލާގައި ވަޒީރު ވަކިކޮށް ތަހުގީގަށް ފޮނުވާފައިވާ މައްސަލައެއް“ ދޮންބިލެތް
ދޮންބިލެތް ވިދާޅުވީ ކޮވިޑް މެނޭޖްކުރެވިއްޖެކަމަށް ބުނަނީ ބަލީގެ ހާލަތު ކޮންޓްރޯލްކުރެވިއްޖެކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި އެއްވެސް ހާލެއްގައި ބަލި ފެތުރުނު ދުވަސްވަރު ވައްކަމާއި، ޚިޔާނާތް އަދި ކޮރަޕްޝަންގެ ކަންކަން ހިމެނިފައި ނެތް ވާހަކަ ނުދަންނަވާކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް، ބަލިން ސަލާމަތްވެވޭ މިންވަރަށް މިހާރު ”ނިއު ނޯމަލް“އަކަށް ދެވިއްޖެކަމަށާއި މިހާރު ފެންނަނީ ”ނިއު ނޯމަލް“އަކަށްވުރެވެސް ބޮޑަށް އާދައިގެ، އާންމު ހާލަތުގައި ދިރިއުޅެމުންދާ ތަންކަމަށް ދޮންބިލެތް ވިދާޅުވިއެވެ.
މީގެ އިތުރަށް ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑުތަން ދަށް ވެގެންދިޔައިރުވެސް، ކާބޯތަކެތި ލިބުމުގައި ދަތިކަމެއްވެސް ފޯރާފައިނުވާކަމަށް ދޮންބިލެތް ވިދާޅުވިއެވެ. ރާއްޖެއަކީ އެއްވެސް މިންވަރަކަށް ތަކެތި އުފައްދާ ގައުމެއް ނޫންކަމަށާއި އެހެންނަމަވެސް، އަވަށްޓެރި ބައެއް ގައުމުތަކަށް ޖެހުނު ހާލު ރާއްޖެއަށް ޖެހިފައިނުވާކަމަށް ދޮންބިލެތް ވިދާޅުވިއެވެ.
ޝަރުއީ ދާއިރާގެ ކަންކަމަށް އަލިއަޅުއްވާލައްވައި، ދޮންބިލެތް ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކުރާ ވާހަކަތައް އެންމެ ފުރަތަމަ ދެއްކެވީވެސް ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި މިހާރު ފެންމަތިވެފައިވާ އޯޑިޔޯތަކުގެ މައްސަލައާއި ރައީސް އޮފީހުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ މައްސަަލަވެސް ބައްލަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވަޅު އަޅުއްވާނެ ކަމަށް ދޮންބިލެތް ވިދާޅުވިއެވެ. ރައީސް ސޯލިހު ބައެއް ކަންކަން ލަސްކޮށްލައްވާނެ ކަމަށާއި އެހެންނަމަވެސް، ފަނޑިޔާރުންގެ މައްސަލާގައި ރައީސް ސޯލިހު ފިޔަވަޅު އަޅުއްވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ދޮންބިލެތް ވިދާޅުވިއެވެ.
މެމްބަރުގެ ވާހަކައިގައި ސަރުކާރުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުން ބަލަމުން ގެންދާކަން ފާހަގަކުރެއްވިއެވެ. ވެންޓިލޭޓަރުގެ މައްސަލަވެސް ފެންމަތިވީ ރައްޔިތުންގެ މަޖިލީހުން ކުރި މަސައްކަތުންކަމަށް ވިދާޅުވިއެވެ. މިހާރުވެސް އެމަސައްކަތް ކުރިއަށްގެންދާކަމަށް ވިދާޅުވިއެވެ. ޖޭއެސްސީ އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތަށް އިޝާރާތްކުރައްވައި ދޮންބިލެތް ވަނީ ރާއްޖޭގައި އެކަން ކުރުމަށް ބޭނުންފުޅުވާ ބޭފުޅަކަށް ހުންނެވީ ރައީސް މުހައްމަދު ނަޝީދު އެކަނި ކަމަށެވެ. އެނިޒާމް އޮޓަމެޓިކްކޮށް ހަރުދަނާކަންމަތީ ހިނގާނެ ގޮތަކަށް އިސްލާހު ކުރައްވާނެ ބޭފުޅަކަށް ހުންނެވީ ރައީސް ނަޝީދު އެކަނިކަމަށް ދޮންބިލެތް ވަނީ ވިދާޅުވެފައެވެ.

