ގޭބީސީތަކުން ކުނި ނުނަގައި ހުންނަ ނަމަ، އެކަން އަންގާނެ ހޮޓް ލައިނެއް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ތަޢާރަފް ކޮށްފި އެވެ.
ވެމްކޯ އިން ތައާރަފްކުރި ހޮޓްލައިން ނަންބަރަކީ 7998047 އެކެވެ. ކުނި ގެންދިއުމުގެ އެއްވެސް މައްސަލައެއް އޮތް ނަމަ އެ ނަމްބަރަށް ވައިބަރު މެދުވެރިކޮށް އެންގުމަށް ވެމްކޯއިން ވަނީ އެދިފައެވެ.
އެ ކުންފުނިން ބުނީ މިއީ ފަސޭހައިން ޚިދުމަތް ދިނުމަށް ތަޢާރަފްކުރި ނަމްބަރެއް ކަމަށާއި މި ނަމްބަރަށް ވައިބަރ އިން މެސެޖު ކޮށްގެން ޚިދުމަތް ހޯދޭނެ ކަމަށެވެ.
މީގެ އިތުރުން ވެމްކޯ އިން ބުނީ ރަސްމީ ގަޑީގައި، ފޭސްބުކް އާއި ޓްވީޓަރ އަދި ވައިބަރ މެދުވެރިކޮށް މެސެޖު ކޮށްގެން ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބު ހޯދޭނެ ކަމަށް ވެސް ބުންޏެވެ. އަދި ކޯލް ސެންޓަރު މެދުވެރިކޮށް، 1666 އަށް ގުޅައިގެން ކޮންމެ ދުވަހެއްގެ ވެސް ރޭގަނޑު 11:30 އަށް ޚިދުމަތްތަކާ ގުޅުންހުރި ކަންކަން އޮޅުންފިލުވޭނެ ކަމަށް ވެސް ބުންޏެވެ.
ވެމްކޯއިން ވަނީ މިހާރު ރެޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ރެޖިސްޓްރީ ކުރުމަށާއި މަގުތަކަށް ކުނި ނުނެރުމަށް އިލްތިމާސް ކޮށްފަ އެވެ.

