ހުޅުމާލޭގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އެހީތެރިވުމުގެ ގޮތުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ވަގުތީ ބިމެއް ހަމަޖައްސައިދީފިއެވެ.
މި މައްސަލަ ކުރިމަތިވާން ފެށީ ތިލަފުށީގައި ހުންނަ ވެމްކޯގެ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ދާދި ފަހުން ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެންނެވެ. އެ ހާދިސާގެ ސަބަބުން ތިލަފުށްޓަށް ކުނި ބަލައިގަންނަ މިންވަރު ވެމްކޯއިން ވަނީ ވަގުތީ ގޮތުން މަދުކޮށްފައެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވީ، އެޗުޑީސީން މިފަދަ ބިމެއް ހަމަޖައްސައިދިނުމަކީ މިހާރު ދިމާވެފައިވާ ކުނީގެ މައްސަލައަށް ލިބުނު ވަރަށް ބޮޑު ލުޔެއް އަދި ރަނގަޅު ހައްލެއް ކަމަށެވެ. މީގެ ސަބަބުން ހުޅުމާލޭގެ މަގުތަކާއި ސަރަހައްދުތަކުން ކުނި ނެގުމުގެ މަސައްކަތް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.
ނަމަވެސް، ވެމްކޯއަށް ހުޅުމާލެއިން ހަމަޖައްސައިދިން މި ބިމުގެ ބޮޑުމިނާއި، އެ ބިން ހުރި ސަރަހައްދުގެ ތަފްސީލެއް އެޗުޑީސީންނާއި ވެމްކޯއިން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

