ބޯހިޔާވަހިކަން ފޯރުކޮށް ދޭން 1.2 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި އެވެ.
ރައީސް ސޯލިހު މިކަން އިއުލާން ކުރެއްވީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ހދ.ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ބަޖެޓުގައި ހިމަނައިގެން، ސީދާ ބަޖެޓުން ޚަރަދުކޮށްގެން، 1.2 ބިލިއަން ރުފިޔާގެ ބަޖެޓަކާއެކު، އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލުހޯދައިދިނުމަށް އަމާޒުކޮށް އަންނަ އަހަރުގެ ބަޖެޓުގައި އެކަނިވެސް 400 ހައުސިންގ ޔުނިޓް ކުޅުދުއްފުޓަށް ރިޒާވްކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މީގެ އިތުރުން އިތުރު 1000 ހައުސިންގ ޔުނިޓް ކުޅުދުއްފުށި ސިޓީގައި އެޅުމުގެ އަގުގެ މަސައްކަތް ބޭރުގެ ފަރާތަކާ މަޝްވަރާކޮށް ނިމުމަކަށް އައިސްފައިވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން އަންނަނީ އަތޮޅުތެރޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް ބޭނުންވާ ލޯނު ދޫކުރުމަށް ”ގެދޮރުވެރިޔާ ލޯން“ ގެ ނަމުގައި ސްކީމެއް މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ އިއުލާންކޮށްފަ އެވެ.

