އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހިޔާ ފްލެޓުގެ މައްސަލަ ބަލަން ފަށައިފިއެވެ.
ސަންގު ޓީވީއަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑިޔާ އޮފިޝަލް ހަސަން މަނިކް ވިދާޅުވީ ހިޔާ ފްލެޓުގެ ބިޑިން މަރުހަލާގައި ހިނގާފައިވާ ކަންކަން އޭސީސީގެ އަމިއްލަ އިސްނެގުމުގެ މަތިން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ. މައްސަލަ ތަހުގީގުކޮށް ނިންމުމަށް ހޭދަވާނެ މުއްދަތާއި ގުޅޭގޮތުން ސުވާލުކުރުމުން މީޑިޔާ އޮފިޝަލް ވިދާޅުވީ މައްސަލަ އެއްކޮށް ބަލައި ތަހުގީގުކޮށް ނިންމާނެ ތާރީހެއް ބުނަން މިވަގުތު ދަތިކަމަށެވެ.
މީޑިޔާ އޮފިޝަލް ވިދާޅުވީ، މިމައްސަލަ ފެންމަތިވީ މިއަހަރުގެ ތެރޭގައި ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަމަށެވެ. އަދި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވެނީ ބިޑް ހުށައެޅި ފަސް ކުންފުނީގެ ތެރެއިން އެންމެ ބޮޑު އަގު ހުށައެޅި ކުންފުންޏަށް ހިޔާ ފްލެޓުގެ މަޝްރޫއު ހަވާލުކުރުންކަމަށް އޭސީސީގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.
ހިޔާ ފްލެޓުގެ މަޝްރޫއު ހިންގުމަށް ބިޑަށް ހުޅުވާލުމުން ޖުމްލަ ފަސް ކުންފުންޏަކުން ވަނީ ބިޑް ހުށައަޅާފައެވެ. އެހެންނަމަވެސް، މިއަހަރުގެ ޖޫން މަހު ރައީސް އޮފީހާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިޔާ ފްލެޓުތައް އެޅުމަށް ހަވާލުކޮށްފައިވަނީ އެންމެ އަގުބޮޑުކޮށް ހުށައެޅި ކުންފުންޏަށްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓުތައް އެޅުމަށް ހަވާލުކޮށްފައިވަނީ ޗައިނާ ސްޓޭޓް ކޮންސްޓުރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. މިކުންފުނިން ހުށައަޅާފައިވަނީ ބާކީ ހަތަރު ކުންފުނިން ހުށައަޅާފައިވާ އަގުތަކާއި އަޅާބަލާއިރުވެސް މާބޮޑު އަގެއްކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. އެގޮތުން، އެކުންފުނިން ހުށައަޅާފައިވާ އަގަކީ ޔުނިޓަކަށް 62،000 ޑޮލަރު ނުވަތަ 956،040 ރުފިޔާކަމަށް މަބްރޫކް ވިދާޅުވެފައިވެއެވެ. އެހެން ކުންފުނިތަކުން ހުށައަޅާފައިވާ އަގުތަކުގެ ރޭންޖް އުޅެނީ 50،000 ޑޮލަރާއި 52،000 ޑޮލަރުގެ އަގާއި ދެމެދުގެ އަގެއްގައިކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން، މަޝްރޫއު ހަވާލުކުރި ސީއެސްސީއީ ކުންފުނިން ހުށައަޅާފައިވާ އަގާއި ދެން އެންމެ އަގުބޮޑުކޮށް ބިޑް ހުށައެޅި ކުންފުނިން ހުށައެޅި އަގުގެ ފަރަގުގައިވެސް 10،000 ޑޮލަރުގެ ތަފާތެއް ހުރިކަމަށް މަބްރޫކް ވިދާޅުވެފައިވެއެވެ. އަދި މާ އަގުބޮޑުކޮށް ބިޑް ހުށައެޅި ކުންފުންޏަށް މިމަޝްރޫއު ހަވާލުކުރީ ކީއްވެކަން ސާފުނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
ހިޔާ ފްލްޓުތަކާއި ގުޅޭ އެއްވެސް ތަހުގީގެއް މީގެކުރިން އެއްވެސް އިދާރާއަކުން ކޮށްފައިނުވެއެވެ. އެހެންނަމަވެސް، ސަރުކާރުގެ ބައެއް ބޭފުޅުންނާއި ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެމްބަރުން އަންނަނީ ހިޔާ ފްލެޓުތައް އެޅުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ނިންމާފައިވާކަމަށް ވިދާޅުވެ، މިމައްސަލާގައިވެސް ކުރީ ސަރުކާރުގެ ވެރިންނަށް ޚިޔާނާތުގެ ތުހުމަތު ކުރަމުންނެވެ. އަދި ހިޔާ ފްލެޓުގެ ކުލީގެ އަގު ކަނޑައެޅުމުގައި ކުރީ ސަރުކާރުން ނުބައިކޮށް ހިސާބު ހެދުމަށްފަހު މާކުޑަ އަގެއް ހާމަކޮށް، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފައްދާފައިވާކަމަށްވެސް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ހާމަކުރައްވައެވެ.
މިކަމާއި ގުޅިގެން އޮޑިޓަރ ޖެނެރަލް އާންމުކޮށްފައިވާ ރިޕޯޓުގައި ކުރީ ސަރުކާރުން ކުލީގެ އަގު ކަނޑައަޅާފައިވަނީ ނުބައިކޮށްކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން، 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމާފައިވާ 6،600 ރުފިޔާ އާއި 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާގޮތަށް 6،500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާއިރު އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9,209,971,532 (ނުވަބިލިއަން ދުއިސައްތަ ނުވަމިލިއަން ނުވަލައްކަ ހަތްދިހަ އެއްހާސް ފަސްސަތޭކަ ތިރީސްދޭއް) ރުފިޔާގެ ގެއްލުމެއް ވާނެކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

