ފުލުހުންނާ މުހާތަބުކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިމުޖުތަމައުގައި އަމާންކަމާއި، ރައްކާތެރިކަމާއި، ސަލާމަތްކަން އޮންނަން ބޭނުންވި މިންވަރަކަށް އަމިއްލަ ނަފުސުން އެކަން އަދާކޮށް މުޅި މުޖުތަމައުއަށް ދައްކައިދޭން ޖެހޭކަމަށެވެ. ފުލުހުންގެ މުއައްސަސާއަށް މަތިކޮށްފައިއޮތީ ވަރަށް ބޮޑު މަސްއޫލިއްޔަތެއްކަމަށާއި، މުޖުތަމައު ޝަރަފްވެރި މުޖުތަމައުއަކަށް ވެގެންދަނީވެސް ފުލުހުންގެ މުއައްސަސާ ޝަރަފްވެރި މުޖުތަމައުއަކަށްވީ މިންވަރަކުން ކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. މުއައްސަސާ ބިކަވެ ނިކަމެތިވި މިންވަރަކުން މުޅި ދައުލަތް، މުޅި ރައްޔިތުން، ބިކަވެ ނިކަމެތިވެގެންދާނެކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ.
”ފުލުހުންނަކީ އަމިއްލަ ނަފްސަށާއި، އެމީހެއްގެ އާއިލާގެ މައްޗަށް، އަދި މުޅި މުޖުތަމައުގެ މައްޗަށް އަބަދުވެސް އަދުލުވެރި އިންސާފްވެރި، ހަމަހަމަކަން ފޯރުކޮށްދޭ ބައެއް. އަޅުގަނޑުމެންގެ ތެރޭން އެކަން ނެތިގެން ހިނގައްޖެ ކޮންމެ ހިނދެއްގައި އޭގެ ހިތި ނަތީޖާއާއި، އަސަރު މުޅި ޤައުމަށް ކުރާނެ.“ މިނިސްޓަރ
މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ޤާނޫނީ ވާޖިބާއި ޒިންމާއަށްވުރެ ބޮޑަށް އިޖުތިމާއީ، އަމިއްލަ ފަރުދީ ޒިންމާ ބޮޑުކަމަށެވެ. ފުލުހަކަށްވީތީ އަމިއްލަ އިޖުތިމާއީ ފަރުދީ، ޒިންމާ އަދާކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. އެގޮތުން މުޖުތަމައުގައި ހުރި ނުރައްކަލެއް އަދި ގޮންޖެހުމެއް ކުރިމަތިވާ ކޮންމެކަމަކުން މުޖުތަމައުގެ ހަމަޖެހުމާއި، ހިމޭންކަން ގެއްލިގެން ހިނގައިދާނެ އަދި މުޖުތަމައުގެ ފަރުދަކަށް ދެރަކަމެއް، ހިތާމައެއް ލިބިދާނެ ކޮންމެ ކަމަކުން ސަލާމަތްކޮށްދިނުމުގައި އަދާކުރަންޖެހޭ ފަރުދީ ޒިންމާތައް އޮތްކަން ވަރަށް ބޮޑަށް ޤަބޫލުކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މުޖުތަމައުގައި އޮންނަ އިޖުތިމާއީ ޒިންމާ އަދާނުކުރެވުނީމާ މުޖުތަމައުން ބަލައިގަންނަ މިންވަރު ތަފާތުވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ރައްޔިތުން އެފަދަ ކަންކަން ބަލާނެކަމަށެވެ.


