ޔޫތު މިނިސްޓްރީ އިން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި އެމްޓީސީސީ އިން ބައިވެރިވެއްޖެއެވެ.
ޔޫތު މިނިސްޓްރީ އާއިއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްޓީސީސީ ގެ ޗީފް އެކްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއީލްއެވެ.
މި ފަދަ ޕްރޮގްރާމްތައް މިނިސްޓްރީއިން ހިންގުމުގެ މައިގަނޑު މަގްސަދަކީ ތަފާތު ދާއިރާތަކުން ޒުވާނުންނަށް ތަމްރީނު ފޯރުކޮށްދިނުމާއެކު މަސައްކަތުގެ އަމަލީ ތަޖުރިބާ ފޯރުކޮށްދީ ޒުވާނުންނަކީ ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތް ކުރާ ޒިންމާދާރު ބަޔަކަށް ހެދުމެވެ.
އެގޮތުން ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމުގެ ނަމުގައި ހިންގާ މި ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީ އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން، ވެލްޑިންގ، ޕްލަމްބަރިންގ، އިލެކްޓްރިކް މަސައްކަތް، އޮޓޯމޯޓިވް މެކޭނިކް މަސައްކަތުގެ އިތުރުން ވަޑާކުރުމާއި ކޮންސްޓްރަކްޝަން ސައިޓު ސުޕަވައިޒް ކުރުން ފަދ ދާއިރާތަކަށް މީހުން ތަމްރީންކުރުން ހިމެނެއެވެ.
ދެބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ބައިވެރިންނަށް މަހަކު 3،000 ރުފިޔާގެ އެލޮވެންސެއް ލިބޭނެެއެވެ. އަދި ވޯކް ސައިޓުގެ ރަށް ނޫން އެހެން ރަށެއްގައި އުޅޭނަމަ ހުރުމާއި ކެއުން ޕްރޮގްރާމުގެ ތެރެއިން ހަމަޖެހިގެންދާނެއެވެ.
ރާއްޖޭގެ ދެކުނަށް އަމާޒު ކޮށްގެން މިއަހަރު ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާ ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމުގެ ދަށުން 23 މީހުން ޝޯޓުލިސްޓް ކުރެވި 15 މީހުންވަނީ ޕްރޮގްރާމު ފަށާފައެވެ. އަދި މީގެ ތެރެއިން 13 މީހަކު ޕްރޮގްރާމު ފުރިހަމަކޮށް އެމްޓީސީސީ ގެ އެކްސްކަވޭޓަރ އޮޕަރޭޓަރުންގެ ގޮތުގައި އަންނަނީ ވަޒީފާ އަދާކުރަމުންނެވެ.

