ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ވާރޭ ވެހޭ ދުވަސްތަކުގައި ފުވައްމުލަކުގެ މަގުތަކުގައި ފެންބޮޑުވުން ފަދަ މައްސަލަތައް ދިމާވާއިރު، މަގު ހެދުމުގެ މަސައްކަތް ނިމިގެންދާއިރު ސިޓީގެ ރައްޔިތުންނަށް ލުއި ފަަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ގަބޫލު ކުރެ އެވެ. މި މަހުގެ 06 ވަނަ ދުވަހު ރަށުގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ފެށިއިރު، ގިނަ މަގުތައް ހަލާކުވެ އަޑިގުޑަންތައް ގިނަވުމުގެ ސަބަބުން އާއްމު ރައްޔިތުންގެ ޝަކުވާތައް އޮތީ ގިނަ ވެފަ އެވެ.
ރަށުގެ މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ދެމުން އެމްޓީސީސީން ބުނީ، މަޝްރޫއުގެ ދަށުން 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅާނެ ކަމަށެވެ.
ޏ. ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިއްޖެ. އަދި ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް 6 ޑިސެމްބަރ 2021 ވަނަ ދުވަހު ވަނީ ފަށާފައި.#MTCCProjects #RayyithungeKunfuni pic.twitter.com/FeDvHk0GLA
— MTCC Plc (@MTCCPlc) December 9, 2021
މީގެއިތުރުން، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރު ކުރުމާއި މަގު ބައްތި ހަރު ކުރުމުގެ އިތުރުން، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް އެމްޓީސީސީން ވަނީ މައުލޫމާތު ދީފަ އެވެ.
އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުއަކީ 271.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

