މާލެ ސިޓީ ކައުންސިލްގެ އާދައުރާއެކު ސިޓީ ކައުންސިލާއި ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކާއި އަބަދުވެސް އޮންނަނީ ހިޔާލު ތަފާތުވުންތަކެވެ. ދެބަސްވުމާއި ކޯޅުންތަކެވެ. މިހިނގާ ދެދުވަހެއްގައި އެންމެ ބޮޑަށް އޮތީ މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކޯޅުމުގެ ވާހަކައެވެ.
އެޗްޑީސީގެ އަތުން ހުޅުމާލޭގެ ރަޖިސްޓްރީ ނަގައި މާލެ ސިޓީ ކައުންސިލަށް ބަދަލުކުރީ އިއްޔެއެވެ. މައްސަލަ ފެށުނު ހިސާބަކީ ހުޅުމާލޭގެ ދެވަނަ ފޭސްގައި އިދިކޮޅުގެ ކޮތަރު ކޮށި ޖަލްސާ ނުބޭއްވޭނެކަން އެންގި ހިސާބުންނެވެ. އެޗްޑީސީގެ ހުއްދަ ނުހޯދައި އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަމާއި ހަރަކާތްތައް ކުރިއަށް ގެންދެވޭނީ އެޗްޑީސީގެ ހުއްދައާއެކު އެޗްޑީސީއިން އަންގާ ހިސާބެއްގައިކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
ސިޓީ ކައުންސިލުން މިނިންމި ނިންމުމަކީ އެކަމުގެ ސަބަބުން އެޗްޑީސީއަށް އެތައް ގޮތަކުން ގެއްލުންތަކާއި ކުރިމަތިވާނެކަމެއް ކަމަށް އެޗްޑީސީއިން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ހުޅުމާލޭގެ ހުރިހާ ކަމެއް ބަލަހައްޓައި ބެލެނެވެރި ފަރާތެއްގެ ހައިސިއްޔިތަން މިހާތަނަށް އައިއިރު މަސައްކަތްކުރަމުން އައިއިރު، މިހާރު ފެންނަން މިއޮތް ހުޅުމާލެ މިހާހިސާބަށް ގެނައުމަށްޓަކައި އެޗްޑީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
އެޗްޑީސީއިން ހުޅުމާލެއަށް ކުރި އިންވެސްޓްމަންޓްތަކާއި، އެކި އާންމުންނަށާއި ކުންފުނިތަކާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ބިންތަކާއި، ހައުސިން މަޝްރޫއުތައް ހިންގުމަށް ނަގާފައިވާ ލޯނުތަކާއި މިހުރިހާ ކަމަކީ ދުރު މުސްތަގްބަލަށް ވިސްނައި އެޗްޑީސީއިން ކޮށްފައިވާ މަސައްކަތްތަކެކެވެ. ބޮޑެތި ލޯނުތައް ނަގައި އެޗްޑީސީއިން މިފަދަ އިންވެސްޓްމަންތްތައް ކުރާނީ އެހެން ބަޔަކު އައިސް އެރެޖިސްޓްރީ އަތުލައި، އެޗްޑީސީގެ އަތުން ހުޅުމާލެ ނަގާނެކަމަށް ވިސްނައިގެނެއް ނޫނެވެ.
ހުޅުމާލެއަކީ މިހާތަނަށް ޖެހެންދެންވެސް އެޗްޑީސީގެ މިލްކުވެރިކަމުގައި އޮތް ބިމެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމަށްފަހު އެބިންވެސް ވަނީ އެޗްޑީސީއަށް ދީފައެވެ. އެބިން އެޗްޑީސީއާއި ހަވާލުކޮށް އެކަމުގެ ރަޖިސްޓްރީ ހަވާލުކުރީ 2015 ވަނަ އަހަރު ހައުސިން މިނިސްޓަރުކަމުގައި ޑރ މުއިއްޒު ހުންނަވައި މުއިއްޒު ސޮއިކުރައްވައެވެ. އެހެންކަމުން، ހުޅުމާލޭގެ ފޭސް 1 އަދި 2 ވެސް އެއީ އެޗްޑީސީގެ މިލްކުވެރިކަމުގައިވާ ތަންތަނެވެ

މިސަރުކާރުން ވެރިކަމާއި ހަވާލުވެ، ލާމަރުކަޒީ ގާނޫނު އިތުރަށް ހަރުދަނާކުރުމަށްޓަކައި އެގާނޫނަށް އިސްލާހުތައް ވަނީ ގެނެސްފައެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި 8 ވަނަ އިސްލާހުގައިވާގޮތުން، ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެންވަނީ ކައުންސިލަށެވެ. އަދި އެނޫން އެފަދަ ތަންތަނަކީ ދައުލަތުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ދައުލަތުގެ މިލްކެއްކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލާއި، ޤައުމީ ސަލާމަތަށްކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ މިޤާނޫނަށްޢަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށް ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

މައްސަލާގައި ސިޓީ ކައުންސިލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ ރަޖިސްޓްރީ ބާތިލްކުރީ އިތުރު އެހެން ގޮތެއް ނެތިގެން ކަމަށެވެ. ހުޅުމާލޭގައި ހުރިހާ ކަމެއް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުގެ ދަށުންވެސް ހުޅުމާލެ ހިމެނެނީ ސިޓީ ކައުންސިލުގެ އިހްތިސާސުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އިދާރާތަކުގައި އެދެމުންދާތާ އެތައް ދުވަހެއް ވީއިރުވެސް އެކަން ވެފައިނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވި ގޮތުގައި އެޗްޑީސީގެ މިލްކުގެ ދަށުގައި ހިމެނޭނީ ހަމައެކަނި ކޮމާޝަލް ބޭނުންތަކަށް، އެ ކޯޕަރޭޝަނުން ވިއްކާ ބިންތަކާ އެއްބަސްވުންތައް ހަދައިގެން ހިންގާ ކޮމާޝަލްތަންތަން އެކަނި ކަމަށް ރަޖިސްޓްރީގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންކުރާ އެއްވެސް ތަނަކީ އެޗްޑީސީގެ މިލްކެއް ނޫން ކަމަށްވެސް އޭގައި ބުނެފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ފަސް އިންސައްތަ ކައުންސިލްތަކަށް ދިނުމާއި، ރަށުގެ އިހްތިސާސްގެ ތެރޭގައިވާ ތަންތަނުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބޭ ގޮތް ހެދުމާއި، ކުންފުނިތައް ހެދުމުގެ ބާރުފަދަ މާލީ ބާރުވެރިކަންވެސް ވަނީ ކައުންސިލްތަކަށް ދީފައެވެ. އެހެންނަމަވެސް، ކުރިންވެސް ފާހަގަކުރިހެން އިސްލާހުގެނެވި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންނަށާއި އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލާއި، ޤައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން އޮންނާނީ ގާނޫނަށް އަމަލުކުރަން ފެށިއިރު އެތަނެއްގެ މިލްކުވެރިކަން އޮތް ބަޔަކަށެވެ. ސިޓީ ކައުންސިލްއިން ބޭނުންވާ ކަމުގައިވާނަމަ ހުޅުމާލޭގައި ހުރި ބިންތަކުންނާއި މަޝްރޫއުތަކުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްއަށް ލިބޭ ގޮތް ހެދިދާނެއެވެ. މުނިސްޕަލް ހިދުމަތްތައް ވެސް ކައުންސިލްގެ ދަށަށް ބަދަލުކުރެވިދާނެއެވެ. އެހެންނަމަވެސް، ރަޖިސްޓްރީ ބާތިލްކޮށް އެޗްޑީސީގެ އަތުން ހުޅުމާލެ އަތުލަން އުޅުމަކީ އެއީ ގާނޫނުވެސް ހުއްދަކުރާ ކަމެއް ނޫނެވެ.
ސިޓީ ކައުންސިލްއިން ހުޅުމާލޭގެ ބާރުވެރިކަން ބޭނުންވާނަމަ، ނުވަތަ އެފާހަގަކުރާގޮތަށް ހުޅުމާލޭގެ އިހްތިސާސް ސިޓީ ކައުންސިލަށް ލިބޭކަމަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި ދެފަރާތުން މަޝްވާރަކޮށް ސުލްހަވެރި ގޮތެއްގައި އެކަން ނިންމުމަކީ ނެތް ކަމެއް ނޫނެވެ. އެކަން ނުވިނަމަ ޝަރުއީ މަރުހަލާގެ ތެރެއިން އެކަން ކުރުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް، ކައުންސިލާއި ކުންފުނިތަކުން އަރައިރުންވުމަށްފަހު، އެކަމަށް ބަދަލު ހޯދައި ހައްގު ހޯދަން ދިޔުމަކީ އެކަން ކުރަންވާނެ ގޮތެއް ނޫނެވެ.

