ރައީސް އިބްރާހިމް މުހައްމދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ 19 ވަނަ ގަރުނުގެ ތެރޭގައި ތާށިވެފައިކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ކޮަމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ ރަށްތަކަށް ތަރައްގީއަށް މަޝްރޫއުތަކެއް ހިންގާތީ، އެ މަސައްކަތް ހުއްޓުވަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ ސްލޯ ސަރުކާރެއްގެ ގޮތުގައި ސިފަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭކަމަށް ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރުން އެއީ ކަންބޮޑުވުމެއްގެ ގޮތުގައި ފައްޔާޒް ފާހަގަ ކުރެއްވި އެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް އެއްވެސް ހުއްޓުމެއް ނެތި، ހުރިހާ މަޝްރޫއެއް ރާއްޖޭގެ ރަށްތަކުގައި ކުރިޔަށް ދިޔަކަން ރައްޔިތުން ހެކިވާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި ތިން އަހަރުގެ ތަރައްގީ މިދިޔަ އެތައް އަހަރާކާއި ނުބައްދަލުކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ. ސަރުކާރުން ރައްޔިތުންނަށް ގިނަ ވައުދުތަކެއްވެފައިވާކަމަށާއި، އެ ވައުދުތައް ތަންފީޒު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ކޮންމެ ރަށެއްގައި ވެސް ބޭނުންވާ އަސާސީ ކަންކަން ހަމަޖެހެމުންދާ ކަމަށެވެ.
ކޮމަންޑޫ ދާއިރާއަށް ސަރުކާރުން ކުއްލިއަކަށް ހާއްސަ ސަމާލުކަމެއް ދީފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކައިގެ ރައްދަށް ފައްޔާޒް ވިދާޅުވީ އިދިކޮޅުން ބޭނުންވަނީ އެ މަޝްރޫއުތައް ހުއްޓުވުމަށް ކަމަށެވެ. ރާއްޖޭގެ ރަށްތަކަށް ބޮޑެތި ކުރިއެރުންތަކެއް މި ސަރުކާރުގައި އައިކަމަށް ބުނެ ދެއްކެވި ވާހަކައިގައި ފައްޔާޒް ވިދާޅުވީ ރައީސް ސޯލިހު ވެރިކަމާއި ހަވާލުވީއިރު ރާއްޖެ އޮތީ 19 ވަނަ ގަރުނުގެ ތެރޭގައި ކަމަށެވެ. ސަރުކާރުން އޭރުން ފެށިގެން މިއަދާއި ހަމައަށް މަސައްކަތް ކުރަމުން އައީ ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށްކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މީގެ ކުރިން ފެނުނީ ހުދުމުހުތާރު ވެރިކަމެއްކަމަށާއި، އެމްޑީޕީން އެފަދަ އަމަލުތައް ނުހިންގާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވީ މިއީ ހެޔޮވެރިކަމެއް ބޭނުންވެގެން ގެނައި ސަރުކާރެއްކަމަށާއި، ރައީސް ސޯލިހަކީ މުވައްސަސާތަކަށް ނުފޫޒު ފޯރުވައި ބާރުތައް މުށުތެރެއަށް ލާނެ ބޭފުޅެއް ނޫންކަމަށެވެ.
ކޮމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫއާއި، ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތަށް އިޝާރާތްކޮށް ފައްޔާޒް ވިދާޅުވީ މީގެއިން މުޅި އަތޮޅަށް ވެސް ވާނީ ފައިދާ ކަމަށެވެ. އަދި ވިދާޅުވީ ބިމުގެ މައްސަލަ ހައްލުވުމުން، އަމިއްލަ ރަށުގައި އުޅުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް ލިބޭނެކަމަށެވެ. އޭގެ އިތުރުން އިގްތިސޯދީ ފައިދާތަކާއި ގުޅޭ ގޮތުން ފައްޔާޒް ވާހަކަ ދެއްކެވި އެވެ.

