އއ. އުކުޅަހު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އުކުޅަހު ބަނދަރުގެ އެއްގަމު ތޮށި ލުމާއި، ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 92 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
އަދި މިހާރު ހުރި ބޭރު ތޮށީގެ ޕްރޮފައިލިންގ މަސައްކަތްތައް މި މަހުގެ ބާރަ ވަނަ ދުވަހު ވަނީ ފަށާފައި ކަމުގައި އެ ކުންފުނިން ހާމަ ކުރެއެވެ.
މި މަޝްރޫޢޫގެ ދަށުން،19،630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 136 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.
މީގެ އިތުރުން، 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި 580 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 19.9 މިިލިއަން ރުފިޔާގެ މަޝްރޫޢު އެކެވެ.

