ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލަން ޖެހޭ ތަނެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކަނޑައަޅައި ހުކުމް ކުރި ނަމަވެސް އެ ކޯޓު އުވާލުމުގެ މަސައްކަތް ކުރާނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ހުޅުމާލޭގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަމުގައި ކޯޓެއް ގާއިމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ކޯޓު ގާއިމް ކުރުމާއި ގުޅިގެން އެއީ ގާނޫނުއަސާސީއާއި ހިލާފަށް ގާއިމް ކުރި ކޯޓެއް ކަމަށް ބުނެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެގޮތުން 2012 ވަނަ އަހަރު ހުޅުމާލެ ކޯޓު އުވާލަން ޖެހޭ ކަމަށް ބުނެ ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ނިންމީ ހުޅުމާލެ ކޯޓަޖީ ގާނޫނުއަސާސީއާއި އެއްގޮތަށް ގާއިމް ކޮށްފައިވާ ކޯޓެއް ކަމަށާއި އަދި ކޯޓު އުވާލަން ޖެހޭ ގާނީ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް ސްޕްރީމް ކޯޓުގެ އެ ނިންމުން މުރާޢާޖާ ކޮށްދިނުމަށް ޖޭއެސްސީން އަނެއްކާވެސް ސްޕްރީމް ކޯޓަށް ހުށހެޅިއެވެ.
މައްސަލަ އަލުން މުރާޖައާކޮށް މިމަހުގެ އަށްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ގާނޫނީ ހައިސިއްޔަތާ މެދު އެ ކޯޓުން ކުރިން ނިންމި ނިންމުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތް ކަމަށް ކަނޑައަޅައި ޖޭއެސްސީން ހުށަހެޅި މައްސަލަ މުރާޖައާކޮށްދެވެން ނެތް ކަމަށް ނިންމާފަ އެވެ.
ހުޅުމާލެ ކޯޓުގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަށް ގޮންޖަހައި ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މައްސަލައިގައި ސްޕްރީމް ކޯޓުން ކޮށްފައިވާ ނިހާއީ ހުކުމް ބިނާ ކޮށްފައި ވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަދި ހަގީގަތާ ވެސް ހިލާފު ކަންތައްތަކެއްގެ މައްޗަށްކަން އެ ކޮމިޝަނަށް ފާހަގަ ވާތީ އެ ނިންމުން މުރާޖާކޮށްދިނުމަށް އެ ކޮމިޝަނުން ސްޕްރީމް ކޯޓަށް ހުށަައަޅާފައި ވާކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން 8 ފެބްރުއަރީ 2022 ވަނަ ދުވަހު ނިންމަވާފައި ވަނީ 2012 ވަނަ އަހަރު އެކޯޓުން ކުރި ހުކުމްކުރުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތަތީ އެ ގަޒިއްޔާގެ ނިޔާ މުރާޖާކޮށްދެވެން ނެތް ކަމަށެވެ.
ކޯޓުތަކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި ވަނީ މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތައް ކަމަށެވެ. ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށެވެ. ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިމާލެއާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށެވެ. ހުޅުމާލެއަކީ އަދި ވިލިމާލެއަކީ ވެސް އިދާރީ ވަކި ރަށްރަށެއް ނޫނެވެ. މާލޭގެ އަވަށްއަވަށެވެ. މާލޭގައި ސްޕީރިއާ ކޯޓުތައް ގާއިމުކޮށްފައި، އަދިހަމަ މާލޭގެ އަވަށްއަވަށުގައި މެޖިސްޓްރޭޓް ކޯޓުތައްމެ ގާއިމުކުރުމަކީ ގާނޫނާ ހިލާފު ނުވެ ކުރެވޭނެ ކަމެއް ނޫންކަމަށް ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން މިކަމަކީ އެއްވެސް އޮޅުމެއް ނެތްހާ ސާފުކޮށް އޮތް ކަމެއް ކަމުގައިވެސް ބަޔާނުގައިވެއެވެ.
ސުޕްރީމް ކޯޓުން ހުޅުމާލެ ކޯޓު އުވާލުމާއި ގުޅޭގޮތުން އަމަލުކޮށްފައިވާ ގޮތާއިމެދު އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެފައިވަނީ ހުޅުމާލެ ކޯޓަކީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް އުފެއްދި ތަނެއް ކަމަށާއި އެކޯޓު އުވާލުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުން ގާނޫނާއި ހިލާފު ކަމަށާއި އެއީ ގާނޫނީ ފުށުއެރުމެއްކަމުގެ އިތުރުން އެކަން ރަނގަޅުކުރުމަށް ގާނޫނޫ އިސްލާހު ކުރާނެކަމަށެވެ.

