ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސް މަގާމު ކަމަށްވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ގާނޫނީ ވަކީލް އާދަމް ޝަމީމް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އައްޔަންކުރައްވައިފިއެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، އާދަމް ޝަމީމް ހިމެނިވަޑައިގަންނަވާހެން ޖުމްލަ 10 ބޭފުޅަކު މި މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައި ކުރިމަތިލެއްވިއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމްޖަދު މުސްތަފާ މިހާރު ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމަށް އައްޔަންކުރައްވާފައެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ރާއްޖޭގެ ކޯޓުތަކުގެ އިދާރީ އޮނިގަނޑު ރާވައި ހިންގުމާއި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އެންމެހައި ކަންކަމާއި ތަމްރީނުތައް އިންތިޒާމުކުރުމުގެ އެންމެ އިސް ޒިންމާ އަދާކުރައްވާ ފަރާތެވެ.
ފަސް އަހަރު ދުވަހުގެ ދައުރެއް ކަނޑައެޅިފައިވާ މި މަގާމުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި މަހަކު 59,235 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

