އުސޫލްތަކާއި ތިލަފަތުގެ ރަމްޒާއި ނުލައި އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބް ކާބިޔާބު ނުކުރެވޭނެކަމުގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމް ވާހަކަ ދައްކަވަމުން މޫސާ ސިރާޖް މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތެރޭގައި ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކެމްޕެއިން ކުރެއްވުމުގެ ގޮތުން ބޭނުން ކުރާ އުސޫލުތަކުގައި ހިފެހެއްޓުމަކީ ޕީޕީއެމްގެ ސިފައެއް ކަމުގައި ބުނާ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.
މޭއި 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި އެންމެ ބޮޑަށް ބަހުސް ކުރުމުގައި ބޭނުންކޮށް އުޅެނީ ޕާޓީ އިސްލާހު ކުރާ ވާހަކައިގެ އިތުރުން ރައީސް މުހައްމަދު ނަޝީދު ޕާޓީން ބޭރު ކުރުމަށް ޕާޓީގެ އެތެރެއިން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ ތުހުމަތުތަކެވެ. އަދި އެމްޑީޕީގެ އުސޫލުތަކާއި ހިލާފުވެ، ޕާޓީ ދަނީ މުޅިން އެހެން މަގަކުންކަމަށް ބުނެ ބަސްތައް ދަނީ ބަދަލު ކުރަމުންނެވެ.
އެމްޑީޕީގެ އިންތިހާބުގައި ޗެއާޕާސަނަކަށް ދެން ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އަދި އިންތިހާބުގައި ފައްޔާޒް ”އެމްޑީޕީ ހިންގާލަން“ ޝިއާރު ބޭނުން ކުރައްވާއިރު އިންތިގެ ކެމްޕެއިންގައި ބޭނުން ކުރަނީ ”ތިލަފަތުގެ ރަމްޒު“ ގެ އިތުރުން ޕާޓީގެ އުސޫލުތަކާއި ފަލްސަފާތަކުގައި ހިފެހެއްޓުމުގެ ވާހަކައެވެ. ނަމަވެސް އިންތިހާބުގެ އެނެއް ވާދަވެރި ކެމްޕެއިން ޓީމް އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވާ ބޭފުޅުން ބުނަމުން އަންނަނީ މިއީ އިދިކޮޅު ޕީޕީއެމްގެ ސިފައެއް ކަމުގައެވެ.
ޕްރޮޖެކްޓް ތަކެއް ހިންގި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމެކޭ އެއްގޮތަށް ސަރުކާރުގެ ތެރޭގައި ވަޒީފާގެ ބިރު ދެއްކުމާއި ކޮރަޕްޝަނާއި އިންސާފު ރައްޔިތުންނަށް ހޯދައި ނުދެވުމުގެ އިތުރުން ވައްކަމުގެ މައްސަލަތައް އޮތް ކަމުގައި ފާހަގަ ކުރައްވަމުން ސިރާޖް ވިދާޅުވީ އުސޫލީ ކަންކަން އެބޭފުޅުންނަށް ހާސިލް ނުވާކަމުގައެވެ.
ސިރާޖް ވިދާޅުވީ ހަގީގީ މަންޒަރު ދޫކޮށް އަވާ މަންދުރެއްގައި ތިބުމުން 23 ކާމިޔާބު ނުވާނެ ކަމުގައެވެ.
އެމްޑީޕީގެ އުސޫލުތަކުގައި ޕާޓީ ހިފެހެއްޓުން މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުމުގެ ސަބަބެއްގެ ގޮތުގައި ސިރާޖް ފާހަގަ ކުރެއްވިއެވެ. އެމްޑީޕީގެ ލޮގޯގައި ހިމެނޭ ”ތިލަފަތުގެ ރަމްޒު“ އިންތިގެ ކެމްޕެއިންގައި ބޭނުން ކުރެއްވުމުން ދޭހަކޮށްދެނީ ގެއްލެމުންދާ އުސޫލުތައް އަލުން އިޔާދަކޮށް އުސޫލުތަކާއި އެކީގައި ޕާޓީ ހިންގާ ރައްޔިތުން އެދޭ ގޮތަށް ޕާޓީ ބައްޓަން ކުރައްވަން އިންތި ކުރައްވާ މަސައްކަތްކަމުގައި ސިރާޖް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އެމްޑީޕީގެ މި ސަރުކާރަށް ވުރެ މާ ބޮޑެތި ޕްރޮޖެކްތައް ހިންގި ކަމުގައި ފާހަގަ ކުރައްވަމުން ސިރާޖު ވިދާޅުވީ ޕްރޮޖެކްއަށް ވޯޓު ނުވިކޭނެ ކަމުގައެވެ. މިހެން ވިދާޅުވެ އޭނާ ދޭހަކޮށްދިނީ އެ ބޮޑެތި ޕްރޮޖެކްޓްތަކާއި އެކުވެސް ރައީސް ޔާމީނަށް ދެވަނަ ދައުރެއް ނުލިބުމެވެ. އަދި ވޯޓު ލިބޭނީ އިންތި އެ ވިދާޅުވާ އުސޫލުތަކުގައި ހިފައިގެން ކަމުގައި ސިރާޖް ވިދާޅުވިއެވެ.
އިންތިގެ ކެމްޕެއިން ޓީމުން މަސައްކަތް ކުރަނީ ސަރުކާރު ވައްޓާލަން ކަމުގައި ބުނެ ދައްކާ ވާހަކަތައް ފާހަގަ ކުރައްވަމުން، ސިރާޖް ސުވާލު އުފެއްދެވީ ސަރުކާރު ވައްޓާލައިގެން އެބޭފުޅުންނަށް ލިބެން އޮތީ ކޮން މޮޅެއް ކަމާއިމެދުގައެވެ. އަދި މިގޮތަށް ސަރުކާރު ވައްޓާލައިގެންވެސް މަގުމަތި ވާނީ ހުދު އެބޭފުޅުން ކަމުގައި އޭނާ ވިދާޅުވިއެވެ.
މިނިސްޓާ ފައްޔާޒްގެ ކެމްޕެއިން ޓީމުން އެމްޑީޕީ ޕާޓީއެއްގެ ގޮތުގައި ނުހިގާ ވާހަކަ ދައްކަވަމުން ގެންދާއިރު، ސިރާޖު ވިދާޅުވީ ޕާޓީއެއްގެ ކާމިޔާބު ވަޒަން ކުރާނީ އިންތިހާބުތަކުންކަމުގައެވެ. މިގޮތުން އޭނާ ފާހަގަ ކުރެއްވީ ގިނަ އިނތިހާބުތަކުގެ އިތުރުން ބައި އިލެކްޝަންތަށް ކާމިޔާބު ކުރީ އެމްޑީޕީއިން ކަމުގައެވެ. ކައުންސިލް އިންތިހާބުގެ އިތުރަށް މަޖިލީހުގެ އިންތިހާބު އެމްޑީޕީއިން ކާމިޔާބު ކުރީ ބޮޑުތަނުން ކަމުގައި ސިރާޖު ވިދާޅުވިއެވެ. އަދި މި އިންތިހާބުތައް ކާމިޔާބު ވެގެންދިޔައީ އިންތި އެދައްކަވާ އުސޫލުތަކުގައި ހިފެހެއްޓުމުން ކަމުގައި ސިރާޖު ވިދާޅުވިއެވެ.
އުސޫލުތަކުގައި ނުހިފަހައްޓާކަމުގެ މިސާލު ޖައްސަވައި އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ދެ ވަޒީރަކު ދޮގު ހެދުމުންވެސް އެމައްސަލަ ބަލަން ނުޖެހޭ ކަމުގައި ނިންމެވި މައްސަލައެވެ. މައްސަލަ މިގޮތަށް ނިމިގެން ދިޔައިރު މަޖިލީހުގައި ބޮޑު އަގުލަބިއްޔަތު އޮތީ އެމްޑީޕީއަށެވެ. މިގޮތަށް އުސޫލުތައް ދޫކޮށްލައި 23 އަށް ނިކުމެ ރައްޔިތުން ކައިރީ ކިޔާނީ ކީކޭ ކަމާއިމެދު އޭނާ ސުވާލު އުފެއްދެވިއެވެ.
މިގޮތަށް ވާހަކަ ދެކެވެމުންދާ މި ދަނޑިވަޅުގައި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވީ ”ތިލަފަތުގެ ރަމްޒު“ ބޭނުންކޮށްގެން ކެމްޕެއިންތައް ކުރެއްވި ނަމަވެސް ތިލަފަތުގެ ރަމްޒަކީ މުޅި އެމްޑީޕީކަމަށާއި އެއީ ވަކި މީހެއްގެ މުދަލެއް ނޫންކަމަށެވެ.

