ރިސޯޓު ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައި ފުއްގިރި މައްސަލައިގައި ކޯޓުގައި އޮއްވާ އެރަށް ވިއްކާލުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމަވައިފިއެވެ.
ފުއްގިރި އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ރަށެކެވެ.
އެކަމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގަ އިވާގޮތުން، ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރ. ފުއްގިރި ކުއްޔަށް ދޫކުރުމާއިބެހޭ އެގްރިމެންޓްގެ ދަށުން ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް އެހެންފަރާތަކަށް ބަދަލުކުރުމަށް ހުށައަޅާފައިވާކަމަށެވެ. ވުމާއެކު އެކަމާއި ގުޅިގެން އެއްވެސް ފަރާތެއްގެ ދަރަންޏެއް ނުވަތަ މައްސަލައެއް ވާނަމަ 14 ދުވަސް ތެރޭ މިނިސްޓްރީއަށް އެންގުމަށް އެކަމާއި ގުޅިގެން ކުރި އިއުލާނު ގައި ބުނެފައިވެއެވެ.
ފުއްގިރީ ގަތުމުގެ މުގާބިލުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށް ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ ބަޔާން ކޮށްފައެވެ.
ދައުލަތުން، ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ސަން އިންވެސްޓްމަންޓާއި ކްރިކް އަހުމަދު ރިޒާގެ މައްޗަށް ވަނީ މަނީ ލޯންޑަރ ކުރުމުގެ ދައުވާ އުފުލާފައެވެ.
ރައީސް ޔާމީންގެ ފަރާތުން އެމައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާތަކަށް ވަނީ އިންކާރު ކުރައްވާފައެވެ.
މި ނިންމުން ޓޫރިޒަމް މިނިސްޓްރީން ނިންމިއިރ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ އަހުމަދު ސޯލިހު ހިޔާނާތުގެ މުއާމާލާތްތަކުގައި ހިމެނޭ ރަށެއްގެ ތަހުގީގެއް ކުރިޔަށް ނުދާކަމަށް ބުނެ ސިޓީއެއް ފޮނުވި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލި އެވެ. ކްރިމިނަލް ކޯޓުގައި ބޮޑު ބަހުސްތަކެއް ކުރި މި ދައުވާތައް ސޯލިހުގެ މައްޗަށް ސާބިތުވެފައި ނުވެ އެވެ.

