ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމާގެ މައްސަލަ: ދައުލަތުގެ އިއުތިރާޒަކަށް ފަހު އިއުތިރާޒެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑާރ ކުރުމަށް އެހީތެރިވެދިންކަމުގެ ތުހުމަތަށް، އެމަނިކުފާނުގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި އާޒިމާ ޝަކޫރުގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަރިޔަމް ނިހާޔަތަށް ވަކާލާތު ނުކުރެވޭނެކަމަށް ނަގާފައިވާ ނުކުތާއާއި އެކު، މި މައްސަލަ ހައިކޯޓުގައި ކުރިޔަށް ވެސް ނުގެންދެވޭނެކަމަށް ދައުލަތުން ބުނެފި އެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމިުގައި ހުންނަވައިގެން މަނީލޯޑާރ ކުރެއްވި ކަމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައިގައެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށެވެ.

މި މައްސަލަ މަދަނީ މިންގަނޑަކުން ބަލާއިރު ކުރިޔަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އާޒިމާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ މަދަނީ މިންގަނޑަކުން ބަލާއިރު ކުރިޔަށް ގެންދެވޭނެ ކަމަށް ނިންމާފައިވާ މައްސަލަތައް އިސްތިއުނާފަށް ހުށަހެނޭޅޭނެކަމަށް ހައިކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން މި މައްސަލަ ވެސް ހައިކޯޓަށް ނުބެލޭނެކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތް ފެށުމާއެކު ދައުލަތުގެ ފަރާތުން އާޒިމާގެ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތަށް ވަކާލާތު ނުކުރެވޭނެ ކަމުގައި ދައުލަތުގެ ވަކީލުން އިއުތިރާޒް ކުރިއެވެ. އެމައްސަލައިގައި ކޯޓުގެ ތިން ފަނޑިޔާރުންގެ މަޝްވަރާ ބައްދަލުވުމަކަށްފަހު ނިންމެވީ ނިހާޔަތުގައި އާޒިމާގެ ވަކީލެއްގެ ގޮތުގައި ވަކާލާތު ކުރެއްވޭނެ ކަމަށެވެ.

އެއަށްފަހު އާޒިމާގެ ފަރާތުން އިސްތިއުނާފީ ނުކުތާ ޚުލާސާ ގޮތެއްގައި ހުށައެޅުއްވިއެވެ. އާޒިމާގެ ފަރާތުން އެދިފައި ވަނީ މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ދައުވާތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމާއި، މި ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ދައުވާތަކެއް ނޫންކަމަށް ހައިކޯޓުން ކަނޑައެޅުއްވައި ދެއްވުމެވެ.

ދައުލަތުން ގަބޫލުކުރާ ގޮތުގައި ކޯޓުގެ އަމުރެއް ނުވަތަ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި މެދު ނިންމާ ނިންމުމެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން އިސްތިއުނާފު ކުރެވޭނީ އެ މަރުހަލާއެއް ނިންމުމުގެ ކުރިއަށެވެ. އޭގެ ރައްދުގައި އާޒިމާގެ ދިފާއީ ވަކީލު ނިހާޔަތު ވިދާޅުވީ ކޯޓުގެ އަމުރުތަކާއި ނިންމުންތައް އިސްތިއުނާފް ކުރަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ކުރެވޭނެ ކަމެވެ.

މީގެ ކުރިން ދައުލަތުން ވެސް އެފަދަ ނިންމުންތައް އިސްތިއުނާފު ކުރިކަން އޭނާ ހާމަ ކުރައްވައި އެކަމުގެ ބައެއް މިސާލު ނެންގެވިއެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުމުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރި ވާހަކަ މިސާލެއްގެ ގޮތުގައި ނިހާޔަތު ނެންގެވިއެވެ.

މަދަނީ މިންގަނޑުން ކުރިއަށް ގެންދަން ދަށު ކޯޓުން ނިންމައިފިނަމަ، ހަމަ އެ ފުރުސަތު ދިފާއަށް ވެސް ލިބިދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނިހާޔަތު ވިދާޅުވީ ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ޝަރީއަތް ފެށުނީއްސުރެން މިހާހިސާބަށް އާޒިމާގެ މައްސަލައިގައި ޒާތީ ގޮތެއް ގެންގުޅޭ ކަމަށާއި އިސްތިއުނާފު ކުރުމުގެ ހައްގަކީ ގާނޫނު އަސާސީ އިން ކޮންމެ މީހަކަށްވެސް ލިބިދޭ ހައްގެއް ކަމަށެވެ.

މަހްލޫފްގެ މައްސަލައިގައި ދައުލަތުން އިސްތިއުނާފު ކުރެވުނު ނަމަވެސް އާޒިމާގެ މައްސަލައިގައި އާޒިމާއަށް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ފާހަގަކުރައްވަނީ ކޮން ގާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްތޯ ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ދައުލަތުގެ ވަކީލު، ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ނައުފަލް ވިދާޅުވީ ދައުލަތުން އެއްވެސް އިރެއްގައި އެކި މީހުންގެ މައްސަލަތަކުގައި އެކި ސިޔާސަތު ގެންގުޅެ ތަފާތު ކުރުމުގެ އަމަލެއް ނުހިންގާ ކަމަށެވެ. މަހްލޫފްގެ މައްސަލައަކީ ވެސް އެ މަރުހަލާ ނިމި ޝަރީއަތުގެ ކުރިން ހުށަހަޅާ ހެށަހެޅުމުގެ މަރުހަލާގެ ކުރިިއަށް ހުށަހެޅި ހުށަހެޅުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނައުފަލް ވިދާޅުވީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެކަމަށް ނިންމާ ހުރިހާ ނިންމުމެއް ދިފާއުން މަތީ މަރުޙަލާގެ ކޯޓުގައި އިސްތިއުނާފު ކުރެވޭނަމަ، ކޮންމެ މައްސަލައެއް ނިމިގެންދާނީ ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުގެ މަރުޙަލާއިންނެވެ. އެހިސާބުން މައްސަލަތައްފުނިޖެހި މަތީ މަރުޙަލާގެ ކޯޓުތަކަށް ފްލަޑްގޭޓެއް ހުޅުވިގެންދާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވާފައިވަނީ  ދެން އަންނަ ދުވަހެއްގައި އިޖުރާއީ ނުކުތާއަށް ގޮތެއް ނިންމުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: