ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން އެކަމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ގެ އަތެއްވާކަމަށް ރައީސް ނަޝީދު 08 މެއި 2022 ގައި މަޖިލިސްގެ ވަޓްސްއެޕް ގުރޫޕްގައި ކުރެއްވި ތުހުމަތާއި ގުޅިގެން މައްސަލަ ތަހުގީގު ކުރުމަށް ކަމާއިބެހޭ އިދާރާތަކަށް މައްސަލަ ހުށައަޅުއްވަން މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.
އެކަން ހާމަކުރައްވައި އަނދުން ހުސެއިން މެއި މަހުގެ 10 ވަނަ ދުވަހު މަޖިލީހުގެ އިދާރާ އަށް ފޮނުވާފައިވާ ސިޓީގައި ބަޔާން ކޮށްފައިވާ ގޮތުން ރައީސް ނަޝީދަށް ދެވުނު ހަމަލާ އާއި ގުޅިގެން ކުރެވޭ ތުހުމަތުގައި އަނދުން ހުސައިންގެ ހައްގުތަކާއި އިމްތިޔާޒް ތަކަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީސް އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ މަގާމްގައި ހުންނަވައި ރައީސް ނަޝީދު އެފަދައިން ވާހަކަފުޅު ދައްކަވާފައިވާތީ އެކަމުގެ ސަބަބުން އަނދުން ހުސައިންގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެފައިވާކަން ހާމަކުރައްވާފައިވެއެވެ.
ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނާއި ހުސެއިންގެ އަތުގައި ނަޝދުގެ ލޭ ހޭކިފައިވާ ކަމަށް އެ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ބައެއް މުއައްޒަފުންނާއި މަޖިލިސް މެމްބަރުން ގުޅިގެން ހަދާފައިވާ ވަޓްސެޕްގުރޫޕްގައެވެ.
އަދި އެކަމާއި ގުޅުންހުރި ޗެޓްލޮގް ތަކުގެ ކޮޕީ އެއް ހޯދުމަށް އަނދުން ހުސައިން ވަނީ އެދިވަޑައިގެންފައެވެ.
ސިޓީއާ މެދު މަޖިލީހުގެ އާއްމު ކޮމިޓީގެ ލަފައެއް ހޯއްދަވަން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއަށް ރައީސް ނަޝީދު އެންގެވުމުން އޭނާ ވަނީ އެ ކޮމިޓީއަށް އެކަން ހުށަހަޅުއްވައިފައެވެ. ސިޓީ އާއި އަމީން އާއްމު ފޮނުއްވި މެމޯ އާއްމު ކޮމިޓީގެ މިއަދުގެ ބައްދަލުވުުމުގައި އެ ކޮމިޓީގެ މުގައްރިރު ހަސަން ލަތީފު އިއްވެވި އެވެ. އެކަމާއި މެމްބަރުން ސުވާލުކުރެއްވުމަށް ހުޅުވާލެވުނު ފުރުސަތުގައި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވެފައިވަނީ އެކަމަކީ އަމީން އާންމާއި ސެކްރެޓަރީޖެނެރަލް އަމ،ިއްލަފުޅަށް ނިންމެވޭނެ ކަމެއް ކަމުގައެވެ.
އަނދުން ހުސައިންގެ ސިޓީ އާއި ގުޅިގެން މިއަދު ބޭއްވި އާންމު މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ އަނދުން ހުސައިނަށް މަޖިލިސް މެދުވެރިކޮށް ސެކިއުރިޓީގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވަން އެދިވަޑައިގެންފައެވެ.
ހަސަން ލަތީފް ވަނީ ވަޓްސެޕް ގްރޫޕަކީ ރަސްމީ ގްރޫޕެއްތޯ ނުވަތަ އޭގެ މައުލޫމާތު އެގޮތަށް ހިއްސާ ކުރެވިދާނެތޯ އިދާރީ މުއައްޒަފުންގެ ފަރާތުން ސާފުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން އެކަން ސާފުކުރުމަށް ފަހު އެމައްސަލަ ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

