ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ އަކީ ހަރާމް ކަމެއް ކަމަށް ބުނެ ވާހަކަދެއްކުމުން އެ ދެވެނީ ސަލާމަތުގެ އައްސޭރިއަކަށްނޫން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ އަކީ ހަރާމް ކަމެއް ކަމަށް ބުނެ ވާހަކަ ދެއްކުމުން، އެދެވެނީ ސަލާމަތުގެ އައްސޭރިއަކަށް ނޫން ކަމުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޒަމާނުއްސުރެ ދިވެހިންގެ އަގީދާ އަކީ އެއްވެސް ހާލެއްގައި ސިޔާސީ ބޭނުމަކަށް ބަދަލު ކުރެވިގެން ވާނެ އެއްޗެއް ނޫން ކަމުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ގައުމުތައް ހަލާކުގެ އައްސޭރިއަށް ގޮސް ބާކީވި ތަން ފެނިގެން ދިޔަ ކަމަށާއި ނަމަވެސް ދިވެހިރާއްޖެ އެހާލަތަށް ދިއުމަށް ޖާގަދެވިގެން ނުވާނެ ކަމުގައެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ އެދޭ ރާއްޖެ އެއް ހޯދައިދިނުމަކީ އެމްޑީޕީގެ އަބަދުވެސް އަމާޒު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއިން ގަދައަޅާ ކުރަމުން ގެންދިޔަ މަސައްކަތަކީ ރައްޔިތުންގެ އެދުމާއި ރައްޔިތުންގެ ރުހުމާއި ރައްޔިތުންގެ ބައިވެރިވުމާއިއެކީގައި އޮންނަ ވެރިކަން ދިވެހިރާއްޖޭގައި އުފެދި ހިނގާނެ ނިޒާމެއް މިރާއްޖެއަށް ހޯދުން ކަމުގައި ރައީސް ނަޝީދުގެ ވާހަކައިގައި ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ވެރިކަން ހުދުމުހުތާރުވެ ވެރިކަމުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސް ރާއްޖޭގެ އެތައް ރައްޔިތުންނެއް ހަރުއަޑުން ގޮވަމުން ދިޔައީ އެމީހުން ބޭނުންވަނީ އެމީހުންނަށް ބަސް ބުނެވޭނެ ވެރިކަމެއް ރާއްޖޭގައި އޮތުމަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ކަމުން މީގެ 17 އަހަރު ކުރިން އުފެދިގެން އައީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ކަމަށާއި އެނިޒާމަކީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ބަސް ބުނެވޭނެ ސިޔާސީ ނިޒާމް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމްގެ އެންމެ މުހިއްމު މޭވާއަކީ އިޖްތިމާއީ ރައްކާތެރިކަން ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމުގެ ވިސްނުން ދުވަހަކުވެސް ގެންގުޅުނު ޕާޓީ އަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ކަމަށާއި ދެންވެސް އެވިސްނުމުގައި ކުރިއަށް ދާނެ ޕާޓީ އަކީ އެމްޑީޕީ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ސިޔާސަތު ތަކުގެ ތެރޭގައި މީގެ 17 އަހަރު ކުރިއްސުރެ ފެށި އެންމެ ބޮޑަށް ފާހަގަވާ އެއް ސިޔާސަތެއްގޮތުގައި ވެފައިވަނީ ޓެކްސްގެ ނިޒާމު ރާއްޖެއަށް ތައާރަފް ކުރުން ކަމުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން އުފެދިގެން އައި އިރު ރާއްޖޭގެ ދައުލަތުގެ އާމްދަނީ އަކީ ހަތަރު ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު ކޮވިޑަށް ފަހުގައި ވެސް ދައުލަތުގެ އާމްދަނީ އަކީ 26 ބިލިއަން ރުފިޔާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އަށް ވަނީ ރާއްޖޭގެ ރައްޔިތުން އެދޭ ބަދަލު ހޯދައިދެވިފައި ކަމަށާއި ޕާޓިއަށް 17 އަހަރު ވެގެން ދާއިރުގައި ގޮސް ހުއްޓެނީ ހަތަރު އަނގޮޅި ކަންމައްޗެއްގައި ކަމަށާއި މިއަދު ކޮންމެ މީހަކަށް ވެސް ހަރާބުގެ މަގަށް އެނބުރެވެން އޮތް ކަމަށާއި އަދި ސަލާމަތުގެ އައްސޭރިއަށް ދެވެން އެބައޮތް ކަމުގައި ރައީސް ނަޝީދު ވިދާލުވިއެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވެފައި ވީނަމަވެސް ޔޯގާ އަކީ ހަރާމް ކަމެއްކަން ދޭހަވާފަދަ މޭރުމަކުން އިސްލާމިކް މިނިސްޓްރީ އިން ޕޮލިހަށް ފޮނުވި ސިޓީ އެއްގައި ބުނެފައިވެއެވެ.

ޔޯގާ ހަރަކާތް ހުއްޓުވައި ދިނުމަށް އެދި އިސްލާލިކް ނިސްޓްރީން މި މަހުގެ 15 ވަނަ ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައިވަނީ ރާއްޖެއަކީ %100 މުސްލިމު ގައުމަކަށްވީ ހިނދު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުން ކަމެއް ކަމެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަކީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމް ވެގެންވާ ކަމެއް ކަމަށް ވެސް މި ސިޓީގައި ފަށަމުން ފާހަގަކޮށްފައިވެއެވެ. އެކަމަކު މިހާރަކަށް އައިސް، މެޑިޓޭޝަން ގޮތުގައި ނުވަތަ ތަފާތު ބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށް ވެސް ސިޓީގައިވެއެވެ.

މިނިސްޓްރީން ބުނީ މި މެޑިޓޭޝަނަކީ ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެއީ އެމީހުންގެ ދީނީ ސަގާފަތާއި ގުޅޭގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ އިރު އަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: