ޔޯގާ ޑޭގައި ހިންގި ހަމަނުޖެހުން މައްސަލައިގައި ހައްޔަރުކމ ކުރި ޕީޕީއެމްގެ ހަރަކާތް ކޮމިޓީގެ ޗެއާ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ބަންދުން ދޫކޮށްލައިފިއެވެ.
ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ހަރަކާތެއް ބާއްވަން ނިންމުމުން، އެކަމާއި ދެކޮޅު ހަދައި އާއްމުން ނުރުހުން ފާޅުކުރަމުން ދިޔަ ނަމަވެސް ހަރަކާތް ކުރިއަށް ގެނދިޔުމުން އާންމުގެ ބަޔަކު ވަނީ ހަރަޚާތް ކުރިއަށް ގެންދަމުން ދިޔަ ސަރަހައްދުކަމަށްވާ ގަލޮޅު ދަނޑު ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ.
އެ މައްސަލަ އިސްތިއުނާފު ކުރަން އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.
މުހައްމަދު އިސްމާއީލް ހައްޔަރުކޮށްފައި ވަނީ ހަރަކާތުގައި ބައިވެރިވި މީހުންނާ ކުރިމަތިލައި މާރާމާރީ ހިންގައި އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަމަނުޖެހުން ހިންގައި، ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައެވެ. އެ ތުހުމަތުގައި މުހަައްމަދު އިސްމާއީލްގެ ބަންދު އެކި ދުވަސް މަތީން އިތުރު ކުރަމުން ގޮސް އެންމެ ފަހުން ޖަހާފައި ވަނީ 30 ދުވަހެވެ.
ޔޯގާ ދުވަސް ފާހަގަކުރުމަށް ދަނޑުގައި ބޭއްވި، ހަރަކާތުގެ ބައިވެރިންނަށް ހަމަލާ ދީ ހަމަނުޖެހުން ހިންގުމުގައި އިސްކޮށް ހުރީ މުހައްމަދު އިސްމާއިލްކަމަށް ތުހުމަތުކޮށް އޭނާ ބަންދުގައި ބަހައްޓާފައިވާ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުވެސްކޮށްފައެވެ.
ޖުމްލަ 24 މީހަކު މައްސަލާގައި ހައްޔަރުކޮށްފައިވާއިރު، ހައްޔަރު ކުރި މީހުންގެ ތެރޭގައި، ހިމެނޭ ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާން (ޓަކީ) ފުލުހުން ވަނީ ދޫކޮށްލާފައެވެ. އަދި ޝަރުތުތަކަކާއި އެކު ބައެއް މީހުން ދޫކޮށްލާފައިވާއިރު އޭގެ ތެރޭގައި ޝެއިހް މުހައްމަދު ފަޟްލޫން ހިމެނެއެވެ.

