ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ގައުމު ހިންގަވަނީ ކިތައް މީހުންނަށް ވެރިކަން ބަހާލައިގެންތޯ ސާފުނުވާކަމަށް މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތުން، ހުންނަން ޖެހެނީ އެއް ރައީސް ކަމަށެވެ. އެހެން ނަމަވެސް، ޖުމުހޫރީ ޕާޓީގެ އިސް ލީޑަރު ގާސިމް އިބްރާހިމަށް ނިސްބަތްވާ ވިލާ ގުރޫޕަކީ، ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ އެއްބައިކަމަށް އެނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲވެސް އުޅުއްވަނީ، ކުންފުންޏެއް ހައްދަވައިގެންކަމަށްވެސް އަދި އެ ކުންފުޏަށް ކިޔަނީ އަދާލަތު ޕާޓީކަމަށް ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ، ރައީސް ސާލިހު ހުންނަވަނީ، އެ ޕާޓީއަށްވެސް ވެރިކަމުން ބައި އަޅުއްވަން ޖެހިވަޑައިގެންފައިކަމަށެވެ. އަދި އެއީ ސިޔާސީ ޕާޓީއެއް ނޫންކަމަށާއި، ދީންވެރި ބައެއް ކަމަށް ބުނެފައިވާކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.
ޖާބިރު ވިދާޅުވީ، ރައީސް ސާލިހު އުޅުއްވަނީ، ވިލާ ގުރޫޕު ހިންގަވަންކަމަށެވެ. އަދި ރައީސް ސާލިހު ރެޔޭދުވާލު ކުރާ މަސައްކަތަކީ، ގާސިމް އިބްރާހިމްމަށް ބަދަލުދީ، އެއްޗެއް ދެއްވޭތޯ ބެލުން ކަމަށް ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ، ޝައިހު އިމްރާނަކީ، ތާކުންތާކު ޖެހޭގޮތަކަށް ސިޔާސީ މަސައްކަތެއް ކުރައްވާ ބޭފުޅެއް ނޫންކަމަށެވެ. އެހެން ނަމަވެސް ރައީސް ސާލިހު އެ ފަރާތްތަކަށް ބައި އަޅާ އަޅާ ގައުމު ހުސްކޮށްފައިވާކަމަށްވެސް ޖާބިރު ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ތަޅުމުގައި، ދިވެހިރާއްޖޭގައި ކެމިކަލް ގެންގުޅެވޭނެ އުސޫލެއް ކަނޑައެޅުމަށް ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވާ ޖާބިރު ވިދާޅުވީ، ނިއުކްލިއާރ ޕްލާންޓެއްގެ ވާހަކަދައްކާއިރު، ރިއެކްޓަރުތައް އޮޕަރޭޓު ކުރަނީ ކޮން ދިމާލަކުންތޯ ބަލަންޖެނޭކަމަށެވެ. އަދި ގާނޫނެއް ހަދާއިރު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެކަމަށާއި، ގާނޫނު ހަދަނީ ރައްޔިތުންނަށްޓަކައި ކަމަށްވެސް ޖާބިރު ފާހަަގަކުރެއްވިއެވެ.
މީގެ އިތުރުން ޖާބިރުވަނީ، މަޖިލީހުގެ މެމްބަރުންގެ ހާޒިރީއާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ، ފާޑުވިދާޅުވެފައިއެވެ. އެގޮތުން ޖާބިރުވަނީ، މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ ގޮނޑިތައް ހުސްކޮށް، ބަހައްޓަން ލަދެއް ނުގަނޭތޯ ސުވާލު ކުރައްވާފައެވެ. އަދި ލަދު ގަންނަން ޖެހޭނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

