މިދިޔަ ހުކުރު ދުވަހު ތިން ފުލުހަކަށް ހަމަލާދިން މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.
މިކަމާއި ގުޅިގެން “ސަންގު“އަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، ފުލުހުންގެ ކޯޓު އަމުރެއްގެ ދަށުން، އެ މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކެވެ. އެ މައްސަލާގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ފުލުހުންގެ ކޮމިޝަނަރު ހަމީދު ވިދާޅުވީ ފުލުހުންނަށް ހަމަލާދިނުމުގައި ޝާމިލްވާ އެއްމެން ހައްޔަރުކުރާނެ ކަމަށެވެ. އަދި މަޖީދީ މަގު ހެންވޭރުކޮޅު ޔޫރޯ ސްޓޯރު ކައިރިން ހަމަލާދީން ގޭންގަކީ ހެންވޭރުގެ ގޭންގެއްކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެދުވަހު އުމުރުން 18 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ގޭންގުން ހަމަލާދީފައިވާ ތިން ފުލުހުންނަކީވެސް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ތިން ފުލުހުންނެވެ.

