މާލޭގައި ސަރުކާރުން ހިންގާ މަޝްރޫޢުތައް އިންތިޒާމު ކުރުމުގައި ސިޓީ ކައުންސިލާއި އެކު މަޝްވަރާ ނުކުރާކަމަށް މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މާލޭގެ ޕާކިން މައްސަލައަށް އަލި އަޅުވައި މުއިއްޒު ވިދާޅުވީ، ކައުންސިލުން މަސައްކަތް ކުރަނީ ސަރުކާރަށް ބޭނުންވާ އެއްބާރުލުން ދީގެންކަމަށެވެ. އެހެން ނަމަވެސް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ތެރޭގައި ސަރުކާރުން މާލެ ސިޓީ ކައުންސިލާއި އެކު މަޝްވަރާތައް ނުކުރާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
އެނާ ވިދާޅުވީ، މާލޭގެ ދަތުރުފަތުރަށް ލުޔެއް ހޯދައިދޭން ފެށި މިނީ ބަހުގެ މަޝްރޫޢު ރާވައި އެކުލަވާލި އިރު އެންމެ ފުރަތަމަ ސިޓީ ކައުންސިލާއި އެކު މަޝްވަރާތައް ކުރެވިފައިނުވާކަމަށެވެ. އަދި ސަރުކާރުން ސިޔާސަތުތައް އެކުލަވާލެވުމަށްފަހު، ވަކި ގޮތަކަށް ކަން ކުރުމަށް މާލެ ސިޓީ ކައުންސިލަށް އަންގާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، މިނީބަހުގެ ހިދުމަތް ފެށުމަށް މަޖީދީ މަގުގައި ވެހިކަލްތައް ނެގުމަށް އެނގުމުން އެކަމާއި ގުޅިގެން ސިޓީ ކައުންސިލުގެ ވިސްނުމާއި ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާ ކުރެއްވިކަމަށެވެ. އެހެން ނަމަވެސް އެ ކަންބޮވުންތަކަށް ސަރުކާރުގެ ފަރާތުން ޖަވާބެއް ނުދޭކަމަށް އެނާ އިޝާރާތްކުރެއްވިއެވެ.
މަޖީދީ މަގު ހުސްކުރުމަށް އެނގުމުން އާންމުންގެ އުޅަނދުތައް ޕާކު ކުރާނީ ކޮންތާކުތޯ އާއި އެކަން ހައްލު ނުކުރެވި، ވެހިކަލްތައް ނެގުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެކަމަށް ބުނުމުން މާލެ ސިޓީ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދޭކަމަށް ސިފަކޮށް މީޑިއާތަކުގައި ވާހަކަތައް ފެތުރުން ކަމަށް އިޝާރާތްކުރައްވާ މުއިއްޒު ވިދާޅުވީ، އެގޮތަށް ކަންވުމުންވެސް މާލެ ސިޓީވަނީ ގޮތުގެ މަތީ ހިފަހައްޓައި ފުރަތަމަ ޕާކިންގް މައްސަލައަށް ހަލުތަކެއް ގެނައުމަށް އެދިފައިކަމަށެވެ.
މާލޭގެ އެކި ސަރަހައްދުތަކުގެ ހުރި ސަރުކާރުގެ ބިންތައް ހުސްކުރުވައި، އެތަންތަން ޕާކިންގް ޖާގަތަކަކަށް ހެދުމަށް ކައުންސިލުން ކުރި މަސައްކަތްތައް ފާހަަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެކަމުގެ ތެރެއިންވެސް މާފަންނު ސަހަރާ ހުސްކުރުމަށް ނިންމި ނިންމާއި އެކު ބަދުނާމުތައް އެޅިގެން ދިޔައީ މާލެ ސިޓި ކައުންސިލުގެ ބޮލުގައިކަމަށެވެ. އެހެންނަމަވެސް އެ ސަރަހައްދު ހުސްކުރަން ނިންމީ ޕްލޭނިންގް އަދި އާރްޑީސީ ފަދަ މުއައްސަސާތައްވެސް ހިމެނޭގޮތަށް ބޭއްވުން ބައްދަލުވުމެއްގެ ތެރެއިންކަމަށާއި، އެ މަސައްކަތްތައް ކުރިއަށް ގެންދާނީ ޕްލޭނިންގް މިނިސްޓްރީގެ ދަށުންކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެތަން ހުސްކުރަންވާނީ ދީނީ އުސޫލުތަކުގެ ތެރޭގައި އެކަމެއް ކުރުމަށް ފަހު ކަމަށް ވިދާޅުވިކަމަށް އެނާ އިޝާރާތްކުރެއްވިއެވެ.
މާފަންނު ސަހަރާގައި ގާއިމު ކުރުމަށް ކަނޑައެޅިފައިވާ ޕާކިންގް ޒޯނުތައް އަދި ބިނާ ކުރެވިފައިނުވާކަމަށް އިޝާރާތްކުރައްވާ މުއިއްޒު ވިދާޅުވީ، އެ ސަރަހައްދުގެ ޕާކިންގް މައްސަލަ ހައްލު ނުކޮށް، މަގުމަތީގައި ޕާކު ނުކުރެވޭ އުސޫލެއް ކަނޑައެޅުމުން އާންމުންނަށްވަނީ އެކަމުގެ އުނދަގޫތައް ތަހައްމަލު ކުރަންޖެހިފައިކަމަށެވެ.
މަޖީދީ މަގުގައި ވެހިކަލްތަކަށް ޕާކު ނުކުރެވޭ އުސޫލެއް ސަރުކާރުން ކަނޑައެޅި އިރު، ޕާކިންގްއަށް އެކަށީގެންވާ ލުއިތަކެއް ލިބިފައިނުވާކަމަށް އިޝާރާތްކުރެއްވާ މުއިއްޒު ވިދާޅުވީ، ކުދި ޖާގަތަކެއް ދިނުމުން އެ މައްސަލަ ހައްލުވެގެން ނުދާކަމަށެވެ. އަދި އެކަން ހައްލު ކުރެވޭނީ ޕާކު ކުރުމަށް އިމާރާތްތަކެއް ބިނާ ކުރެވިގެންކަމަށް އެނާ ފާހަގަކުރެއްވިއެވެ. މުއިއްޒު ވިދާޅުވީ، ޕާކިން އިމާރާތްތަކެއް ބިނާ ކުރުމަށް މާލެ ސިޓީ ކައުންސިލުން ކައުންސިލުގެ ލޭންޑް ޔޫޒް ޕްލޭނުގައި ހިމަނައި އެތައް ފަހަރެއްގެ މަތިން ޕްލޭނިންގް މިނިސްޓްރީއަށް ފޮނުވިކަމަށެވެ. އަދި އެކަން ކުރުމަށް ހުއްދަ ލިބޭނެކަމުގެ އުންމީދު ކުރާކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ މާލޭގައި އޮތް ތޮއްޖެހުމުގެ މައްސަލަ ހައްލުވެގެން ދާނީ ޕާކިންއަށް ހާއްސަ އިމާރާތްތަކެއް ބިނާ ކުރެވިގެންކަމަށެވެ.
އެނާ ވިދާޅުވީ، އިމާރާތްތައް ބިނާ ކުރުމަށް ސަރުކާރުން ހުއްދަ ދީފިނަމަ އެ މަޝްރޫޢު ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދެވޭނެކަމަށެވެ. އަދި ކައުންސިލުގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް ވެފައިވާކަމަށާއި ކޮންސެޕްޓުތައް އެކުލަވާލެވި ޕްރޮޕޯޒަލްތައް ނިމި، އަމަލީ މަސައްކަތައް ދިއުމާއި ގާތުގައި ހުރިކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ، މި މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ސަރުކާރުން އެކަމަށް ދޭންޖެހޭ އެއްބާރުލުން ދީގެންކަމަށެވެ. އަދި އެކަމާއި ގުޅިގެން ކުރަންޖެހޭ މަޝްވަރާތައް ކުރަމުންދާކަމަށާއި، ކުރިއަށް އޮތް ހަފްތާތެރޭގައި ހުއްދައެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް އެނާ އިޝާރާތްކުރެއްވިއެވެ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސަރުކާރުގެ އެދުމުގެ މައްޗަށް މާލެ ސިޓީ ކައުންސިލުންވަނީ ލޭންޑް ޔޫޒް ޕްލޭން ހަތަރުވަރަކަށް ފަހަރުގެ މަތިން އިސްލާހުކޮށްފައިކަމަށް ސިފަކުރައްވާ މުއިއްޒު ވިދާޅުވީ، އެހެންކަމުން ހުއްދަ ލިބިގެންދާހާ އަވަހަކަށް މާލޭގެ އެކި ސަރަހައްދުތަކުގައި މާލީ ގޮތުނާއި އިގްތިސޯދީގޮތުން ހަމަޖެހޭ ޕާކިންގް އިމާރާތްތަކެއް ބިނާ ކުރެވިގެންދާނެކަމަށެވެ.

