ވެރިކަމުގެ ދައުރު ނިމެން އަހަރަކަށް ވެފައިވަނިކޮށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު ރިވިއުކޮށް، އަދުލު އިންސާފުގެ ދާއިރާއާގުޅޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހު ގެނައުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް އެމްޑީޕީއިން އިދިކޮޅުގައި އޮތް އިރުވަނީ ވަރަށް ބޮޑަށް ވަކާލާތުކޮށްފައެވެ.
ކޮމިޝަން އެކުލެވިގެން ވާ ގޮތް އިސްލާހު ކުރުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން މީގެ ކުރިން ސަރުކާރުން ބުނީ، އެ ވައުދު ފުއްދޭނެ ސީދާ ދުވަހެއް ނޭނގޭކަމަށާއި، މި ދައުރުގެ ތެރޭގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލު ނުގެނުވުން އެކަށީގެންވާ ކަމަށެވެ.
މަޖިލީހަށް ވެސް ދެ ފަހަރެއްގެ މަތީން ހުށަހެޅި ބިލު ބޭރުކުރުމަށް ފަހު، މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް ނެރުނު ބަޔާނުގައި ބުނީ ގާނޫނު އަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ދެފުށް ފެންނަ، ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށް، ކަމާއި ގުޅޭ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، ކޮމިޝަން އެކުލެވިގެން ވާ ގޮތް ބަދަލު ކުރުމަށް މަޖިލީހުގެ ތިން ވަނަ ދައުރަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
އިސްލާހު ގެނައުމުގައި ބޭނުންވާ ހިޔާލާއި މަޝްވަރާތައް ހޯދުމަށް ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ދަށު ކޯޓުތަކާއި ޖޭއެސްސީއާއި އެ ނޫންވެސް ކަމާއި ބެހޭ އިދާރާތަކާއި އެކު ބާއްވަން ޖެހޭ ބައްދަލުވުންތައް އަންނަ ހަފްތާގައި ފަށާނެ ކަމަށެވެ.
ޖޭއެސްސީ އެކުލަވާލާފައި އޮންނަ ގޮތުން އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުންނަށް ތިބެވެ އެވެ. އަދި އެ މީހުންގެ ސަބަބުން ފަނޑިޔާރުގެތަކަށް ނުފޫޒު ވަންނަކަމަށް ތުހުމަތުތައް ކުރެވެ އެވެ. އަދި އެ ފުރުސަތު އޮންނާނެކަން މީޑިއާތަކުން ވެސް ރިޕޯޓު ކުރެ އެވެ.
މި ސަރުކާރުގެ ފުރަތަމަ ދުވަސްތަކުގެ ތެރޭގައި ޖޭއެސްސީން ވަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލައި އެ މީހުން މަގާމުން ވަކިކޮށްފަ އެވެ.
ޖޭއެސްސީގައި ހިމެނެނީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުކަން ކުރައްވާފައިވާ ބޭފުޅުންނެވެ. އޭގެ އިތުރުން އެ ބޭފުޅުން ވަނީ 2018 ގެ ރިޔާސީ އިންތިހާބު ބާތިލު ކުރަން ހުށަހެޅި މައްސަލައިގައި ވެސް ވަކާލާތުކޮށްފަ އެވެ.
ޖޭއެސްސީގެ ރައީސަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސައިނެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ވެސް ޖޭއެސްސީގައި އިންނަވަ އެވެ. އަދި ބަންޑާރަ ނައިބު އިބްރާޙީމް ރިފްއަތާއި އެކު، ރައީސްގެ މަންދޫބެއްގެ ގޮތުން މަސްތޫރު ހުސްނީ ވެސް އެ ކޮމިޝަންގައި އިންނަވައެވެ.

