އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ފަރާތުން މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށް ބުނެ ”ލޭނާރު“ ގެ ނަމުގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރު ކޮށްލައިފިއެވެ.
ޕީޕީއެމް، ޕީއެންސީން ހޯމަ ދުވަހުގެ ހަވީރު މަސްމާރުކޭޓު ކުރިމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް ބުނެ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްއެވެ.
މެމްބަރު ހުސެއިން ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ހިޔާލްފާޅު ކުރުމާއި އެއްވެ އުޅުމުގެ ހައްގަގީ ގާނޫނުއަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހަގެއް ކަމަށެވެ. ނަމަވެސް އެ ހައްގަށް ފުލުހުން ހުރަސް އަޅައި ގާނޫނުއަސާސީއާއި ހިލާފަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށް މުޒާހަރާގެ ތެރެއިން 10 މީހަކު ހައްޔަރު ކުރި ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
މީގެއިތުރުން ފުލުހުން މުޒާހަރާ ރޫޅާލިއިރު މުޒާހަރާގައި ތިބި އަންހެނުންގެ ކަރާމާތަށް ވެސް އަރައިގަނެފައިވާ ކަމަށާއި އެހެން ކަމުން އެ މައްސަލަ ތަހުގީގު ކުރުމަށް ވަނީ ގޮވާލާފައެވެ.
އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލައިގައި ބަސް ކުރުމަށް ފެނޭތޯ ނެގި ވޯޓުގައި މައްސަލަ ބަލައި ގަތުމަށް ވޯޓު ދެއްވީ އަށް މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް 23 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

