ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ސަރުކާރު ބޮޑުތަނުން ފެއިލްވެއްޖެ، 48 ގަޑިއިރު 48 ދުވަހަށް ބަދަލުވެ ދެން ވާނީ 400 ދުވަހަށް” އިދިކޮޅު މެމްބަރުން

މަސް ދޯނިތަކެއް ބަނދަރެއްގައި އަޅާފައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ބޮޑުތަނުން ފެއިލްވެއްޖެ ކަމަށާ، 48 ގަޑިއިރު 48 ދުވަހަށް ބަދަލުވެ ދެން އެ ބަދަލުވެގެން ދާނީ 400 ދުވަހަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަސްވެރިކަމަށް ބަރޯސާވާ ރަށްރަށުގެ އިގްތިސާދު ހުއްޓުމަކަށް އައިސްފައިވާތީ އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ މި ސަރުކާރު ބޮޑުތަނުން ފެއިލް ވެއްޖެ ކަމަށެވެ. މެންބަރު ވިދާޅުވީ އައްޑޫ ސިޓީގެ މަސްވެރި އާބާދީގަ 90 އިންސައްތައަށް ވުރެ ބޮޑުބައެއް ހިއްސާއެއް އޮންނަ މަސްވެރިން، އިހުތިޖާޖަށް ނުކުމެ ކުރަމުންދާ މަސައްކަތް މި ސަރުކާރަށް ބަލައިނުގަނެވުނު މަންޒަރު މިހާރު ފެންނަމުން ދާ ކަމަށެވެ.

އައްޑޫ މަސްވެރިން އައްޑޫ މަސް ފެކްޓަރީ ކައިރިއަށް ގޮސް އެދެމުން ދަނީ މިނިސްޓަރު އެތަނަށް ވަޑައިގެން މަސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކަމަށާ ނަމަވެސް މިނިސްޓަރު އެކަން ކުރުމަށް ފެއިލް ވެފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުކަމަށްވާ މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ ކަމަށް ވައުދުވިވައުފުޅަށް އިޝާރާތްކުރައްވާ ނާޒިލް ވިދާޅުވީ 48 ގަޑިއިރު 48 ދުވަހަށް ބަދަލުވެއްޖެ ކަމަށެވެ. އަދި 48 ދުވަސް ދެންވާނީ 400 ދުވަހަށް ކަމަށް ވެސް މެންބަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވަނީ ވާރުތަކުރި އަދަދުގެ ވާހަކަ. 200 މިލިއަން ރުފިޔާ ވާރުތަކުރީ ހުސް ބިލެއް ނޫން. ސްޓްރޯޖްގަ ހުރި މަހާ އެކީގަ. ސްޓޯރޭޖްގަ ހުރި މަސް ވިއްކާލީމަ 270 މިލިއަން ލިބޭނެ. ބިލްތަކުގެ އަދަދު 200 މިލިއަން. 70 މިލިއަން ފައިދާ. ކޮބާތޯ އެ ލާރި. ހަމައެކަނި ބިލެއް ނޫން ވާރުތަވީ، މަހާ ބިލާ އެކީގަ ވާރުތަވީ. ހުސް ސްޓޯރޭޖާ ހުސް ތޮށިގަނޑަކާ އެކީގައެއް ނޫން ވާރުތަވީ، – މެންބަރު އިބްރާހިމް ނާޒިލް

އެ ކުއްލި މައްސަލައަށް ތާއީދު ކުރައްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ފަސް ދުވަސް ވެގެން ދިޔައިރުވެސް ދިވެހި ރައްޔިތުންތަކެއް މަގުމަތީގައި ބައިތިއްބާފައިވާ ކަމަށެވެ. މަސްވެރިން މުޒާހަރާ ކުރަމުންދާތާ ފަސް ދުވަސް ވެގެން ދިޔައިރު ވެސް ސަރުކާރުން އެކަމަށް އިޖާބަދީ ޖަވާބުދާރީވެފައި ނުވާ ކަމަށް ތަކުރާރުކޮށް މެންބަރު ވިދާޅުވިއެވެ.

ފަސް ދުވަސް ވެގެންދާއިރު ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު މަގުމަތީގައި މުޒާހަރާގައި ބައިތިއްބަން ހެޔޮ ވާނެތޯ؟ އަޅުގަނޑުމެންނަށް މީގެން ސާފުވާ މަންޒަރަކީ ކުރިއަށް މިއޮތް ބިރުވެރިކަމަކީ އެތައް ބައިވަރު މަސައްކަތްތެރިންނެއް މުޒާހަރާ ކުރަން ޖެހޭނެކަން. އަދި މުޒާހަރާ ކުރިނަމަވެސް ސަރުކާރުން އިޖާބަ ނުދޭނެކަން، – މެންބަރު މައުރޫފް ޒާކިރް

ބަހުސްގެ ވަގުތުގައި މައްސަލަ ހުށަހެޅުއްވި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވީ މަސްވެރިން މިއަދު ވަނީ ވަރަށް ބޮޑު މާޔޫސްކަމެއްގެތެރޭގައި ކަމަށެވެ. އެއީ މި ސަރުކާރު ވެރިކަމަށް އައީ މަސްވެރިންގެ ވަރަށް ބޮޑު ހިއްސާއަކާ އެކުގައި ކަމަށާ ކެމްޕެއިން ދުވަސްވަރު އަދުގެ ސަރުކާރުން މަސްވެރިންނަށް ފޮނި ހުވަފެންތަކެއް ދެއްކި ކަމަށެވެ. އެގޮތުން އޭރު 25 ރުފިޔާ އަށް މަސް ކިލޯއެއްގެ އަގު ހުރިއިރު، މަސް ކިލޯއެއްގެ އަގު 35 ރުފިޔާއަށް ވެސް ހަދާދޭނެ ކަމަށް ބުނެ ކުލަ ހުވަފެންތަކެއް މަސްވެރިންނަށް އޭރު ދެއްކި ކަމަށެވެ.

ދެން ވިދާޅުވަމުން ގެންދިޔައީ މިހާރު މަހަށް  ދޭންވާ ފައިސާ ލިބެނީ އެއް ހަފްތާ ނުވަތަ ދެ ހަފްތާގެ ތެރޭގައޭ. ތިމަންނަމެން އައިސް ދެ ދުވަސްތެރޭގަ ދޭނަމޭ. 48 ގަޑިއިރުގެ ތެރޭގައި  މަސްވެރިންނަށް ފައިސާ ދޭނަމޭ. އެ ފޮނި އުއްމީދުގަ، އެ ކުލަ ހުވަފެނުގަ ޖެހިގެން މަސްވެރިން ވޯޓު ދީގެން  ސަރުކާރު ވުޖޫދަށް އައިމަ އެމީހުންނާ ދޭތެރޭގަ ވަރަށް ނިކަމެތިކޮށް އަމަލުކުރަމުން ދަނީ. މަސްވެރިންގެ ޑިމާންޑަކީ މިފްކޯއަށް ކިރާފައިވާ  މަހަށްވާ ފައިސާ ދޭށޭ. އިތުރު ޑިމާންޑެއް ނެތް. – މެންބަރު އަހްމަދު ދީދީ

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ސަރުކާރު ކުންފުނި މިފްކޯއިން މަސްވެރިން އަތުން މަސް ގަތުމަށްފަހު ފައިސާ ނުދީ، މަސްތަކެއްވުމާ ގުޅިގެން މަސްވެރިންކުރަމުންދާ އިހުތިޖާޖަށް ސަރުކާރުން އެދެވޭ ހައްލެއް ހޯދައިނުދޭތީ އެކަން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި މަސްވެރިން އަތުން ގަންނަ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ވީ ނަމަވެސް ފާއިތުވި ދެ މަސްދުވަހު، މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދީފައި ނުވާ ކަމަަށެވެ.

މަސްވެރިން ތިބީ ބިކަވެ، ހާލުގައި ޖެހި، ދަރަނިވެރިވެފައިވާ ކަމަށާ ޔުޓިލިޓީ ބިލުތަކާ އަދި އެހެނިހެން ބިލުތައް ވެސް ދެއްކޭނެ ގޮތެއް ނެތި، އެތައް އާއިލާއެއް އެބަތިބި ކަމަށް މެންބަރު ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ މަސްވެރިކަމަށް ބަރޯސާވާ ރަށްރަށުގެ އިގްތިސާދު ހުއްޓުމަކަށް އައިސްފައިވާތީ އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

މަސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް ދީ، ބާނާ މަހަށް ހަމަ އަގު ދިނުމަށް ގޮވާލައި އިއްޔެ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބޭއްވިއެވެ. އައްޑޫގައި މަސްވެރިން ކުރާ މުޒާހަރާ އަދިވެސް ހުއްޓާލާފައި ނުވާއިރު، އެ މީހުން ގޮވާލަމުން ދަނީ ފައިސާ ދެވޭނެ ތާރީހެއް ސަރުކާރުން އިއުލާނު ކުރުމަށެވެ. އަދި ފައިސާ ނުދެވި ދިގުލައިގެން ދިއުމުގެ ސަބަބުން، ކުރަން ޖެހޭ ބައެއް އަސާސީ ހަރަދުތަކާއި އާއިލާ ބެލެހެއްޓުމުގައި ކުރަން ޖެހޭ ހޭދަތައް މަޑުޖެހި ގޮތްހުސްވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: