ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޒީރާ ރާއްޖޭގެ ވާހަކަ ދައްކަނީ އެއްވެސް އިހުލާސްތެރިކަމެއް ނެތި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިހުލާސްތެރި ވެރިކަމެއް، އޯގާތެރި ވެރިކަމެއް، ހެޔޮ ވެރިކަމެއް، މި ހުރިހާ ގޮތަކަށްވެސް މިހާރު ހުންނެވި މަނިކުފާނު ކުރައްވަމުންދާ ވެރިކަން އެ މަނިކުފާނަށް ތާއީދު ކުރާ މީހުން ސިފަކުރެއެވެ.

މި ހުރިހާ ވާހަކައެއް އިވެމުންދާ ވަގުތު ފެންނަމުންދާ މަންޒަރުތަކާއި ކުލަވަރުތައް ތަފާތުވުމުން، ބަސް ބަހުގެ މާނަ އޮޅޭ ހިސާބަށް ދެއެވެ. އިހުލާސްތެރިކަމުގެ ބަދަލުގައި ފެންނަމުންދަނީ ކެހި ވެރިކަމެވެ. އޯގާ ތެރިކަމުގެ ބަދަލުގައި ފެންނަމުންދަނީ އަނިޔާވެރިކަމެވެ. އަދި ހެޔޮ ވެރިކަމެއް ކުރައްވަނީ ނަފްސަށް ހެޔޮ ވާ ގޮތަކަށެވެ.

އަމިއްލަ ގާތް އަހަކާއި އެކު ޑީލެއް ހެދެއްވުމަށް ފަހު ވެރިކަމަށް ވަޑައިގެންނެވި މަނިކުފާނު ދިވެހި ރައްޔިތުންނަށް ކޮއްދެއްވާނެކަމަށް ވިދާޅުވި ވާހަކަށް ބަލާލަމާތޯއެވެ. ވެރިކަމަށް ވަޑައިގެން ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ކަންކަން ކޮށްދެއްވާނެކަމަށް ވައުދުވެލެއްވިއެވެ. ރިޔާސީ ތަހުތުގެ މަތީގައި ބޮޑު ބަނަރެއްގައި މި ވައުދުތައް އަދި އަދާއިޖެހެންދެންވެސް ހިއްޕާފައި ހުރެއެވެ. ކުރައްވަމުންދާ ކަމަށް ދެއްކުމައްޓަކައި ކަމަށްވެސް ވެދާނެއެވެ.

އެންމެ ފުރަތަމަ އެއް ކަމަކީ ނޫ އިގްތިސާދެވެ. އޮފީހުގެ ވެބްސައިޓުގައި ވާގޮތުން މި ކަން މިއީ ފުދި ނިމިފައިވާ ވައުދެކެވެ. މި ވައުދުގެ ދަށުން، ވިޔަފާރިތަކަށް ދަތިވާފަދަ ގަވައިދުތައް އިސްލާހު ކުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ. ކަންކަން ކުރެއްވި ކަމަށްވެސް ވެދާނެއެވެ. އެސްއެމްއީ ލޯނުތައް ދެއްވައެވެ.

އެހެންނަމަވެސް ހަގީގަތަކީ މިއަދު ދިވެހިރާއްޖޭގެ މާލީ ހާލަތު އިންތިހާއަށް ނާޒުކު ފައްތަރެއްގައި ވާކަމެވެ. މިއަދު ނޫ އިގްތިސާދޭ ބުނުމުން ސިފަވަނީ ނޫ ކަނޑެއްގެ ތެރެއަށް ގަރަޖުވެގޮސްފައިވާ މަންޒަރުކަމެވެ.

ނޫ އިގްތިސާދު: ފޮޓޯ/ ރައީސް އޮފީސް ވެބްސައިޓު

ހެޔޮ ވެރިކަމެއް ކުރެއްވުމަކީވެސް ޖަޒީރާ ރާއްޖޭގެ ވެރި މަނިކުފާނުގެ ވައުދެކެވެ. މި ވައުދުގެ ދަށުގައިވަނީ ހާރިޖީ މަސައްކަތްތަކަކާއި، ދަރިން ސަލާމަތް ކުރުން، އަދި ލާމަރުކަޒީ ނިޒާމެއްގެ ދަށުން ގައުމު ހިންގުމެވެ. މިހާރު ހުންނެވި ރައީސްގެ ވެރިކަން ހެޔޮފުޅު ވަރުން، އަނިޔާވެރިކަމެއް ކުރެއްވިކަމަށް މަޝްހޫރުވެފައިވާ ރަން ތިރީސް އަހަރުގެ ވެރިޔާވެސް ކުރެއްވީ ހެޔޮ ވެރިކަމެއް ސިފަވެގޮސްފިއެވެ.

ހާރިޖީ ގުޅުމެއް ބޭއްވިކަމަށް ބުނެ، ދިވެހިރާއްޖޭގެ މިނިވަންކަމާއި މެދު ސުވާލު އުފެދޭ ވަރު ކުރައްވައިފިއެވެ. ދަރަނިން ސަލާމަތް ކުރައްވާނެކަމަށް ވައުދު ވެލެއްވުމަށްފަހު، މިއަދު ދިވެހރާއްޖެއިން ދަރަނި ރާއްޖެއަށް ނަން ބަދަލުވާ ހިސާބަށްވެސް ގޮސްފިއެވެ. ލާމަރުކަޒު ކަމަށް ވިދާޅުވިނަމަވެސް އަދިވެސް މުހިންމު ކަންކަމުގައި އަންނަން ޖެހެނީ ވެރި ރަށް މާލެއަށެވެ.

ހެޔޮ ވެރިކަން: ފޮޓޯ/ ރަައީސް އޮފީސް ވެބްސައިޓު

ދީނާއި ސަގާފަތު ހިމާޔަތް ކުރެއްވުމަށްވެސް އެމަނިކުފާނު ވައުދުތަކެއްވެލެއްވިއެވެ. އެހެން ނަމަވެސް މިއަދު އިޖްތިމާއީ ފޭރާން ގޭނި ގޭނި ނެތިގޮސްފިއެވެ. ދީނާއި ހިލާފު ގިނަ އަދަދެއްގެ އަމަލުތައް ހިންގައި އެކަމާއިމެދު އެކަށީގެންވާ ފިޔަވަޅެއް ނޭޅި ގޮސްފައިވާ މަންޒަރުވެސް ފެނިއްޖެއެވެ. ސަގާފަތް އޮޅެން ފަށައިފިއެވެ.

ދީނާއި ސަގާފަތް: ފޮޓޯ/ ރައީސް އޮފީސް ވެބްސައިޓު

ތިމާވެށި ހިމާޔަތްކުރެއްވުމަށް ވައުދު ވެލެއްވި ސަރުކާރަށް ވިލިގިލި ފަރަށް އުރުނު ބުރިޖު ޕްލެޓުފޯރމުގެ ނުވެސް ފެންނަ ފަދައެވެ. އެހެންކަމުން އެކަމަކީ އެންމެ އިހުލާސްތެރި އެއް ވައުދުކަން ސާފެވެ. އަމީނީ މަގުގައި ހުރި ގަސް މުހިންމެވެ. އެހެން ނަމަވެސް ގިނަ އަދަދެއްގެ ރަށްރަށުން ގުނާ އަދަދު ކުރަން ދަތިވާ ވަރަށް ރުއްތައް ކަނޑާ ވައްޓާއިރު، ޗުއްޕެއްވެސް ވިދާޅުނުވެއެވެ.

ތިމާވެށި: ފޮޓޯ/ ރައީސް އޮފީސް ވެބްސައިޓު

މިހާރުގެ ރައީސް ކުޅިވަރު ކުރި އެރުވިކަމަށް ބުނެވެން ފުރުސަތު އޮވެއެވެ. އެހެން ނަމަވެސް އެއާއި އެކު ވައުދުވެފައިވާ އިޖްތުމާއި މަސައްކަތްތައް ކުރެއްވި ނަމަވެސް އެކަންވެސް އޮތީ އިގްތިސާދާއި އެކު ފެނުގައެވެ. ގިނަ އަދަދެއްގެ ރައްޔިތުން ހާލުގައި ޖެހި މަގުމަތިވެފައިވާއިރު، ގެދޮރާއި ފްލެޓު ތިބި ރައްޔިތުންވެސް އުޅެނީ ކުލި ދައްކަންވެސް ދަތިވެގެންކަން އެންމެ ފަހުން ވޯލްޑް ބެންކުން ނެރުނު ރިޕޯޓުގައި ބާޔާންކޮށްފައިވާ ބައެއް ވާހަކަތަކުން ދޭހަވެއެވެ.

އިޖުތިމާއީ ހަމަޖެހުން ގާއިމުކޮށްދެއްވާނެކަމަށްވެސް ޖަޒީރާ މަނިކުފާނު ވައުދުވެލެއްވިއެވެ. ހަމަ ޖެހުން އެބަ އޮތްތޯ؟ އަަބަދު އިވެނީ ކޮންމެވެސް ނޭދެވޭ ވާހަކައެއްގެ އަޑެވެ. ރައްޔިތުން ނުކުމެ އަޑެއް އިއްވާލާނެ ފުރުސަތު އޮތް ނަމަ އެމަނިކުފާނަށްވެސް މިކަން ސާފުވާނެއެވެ. އެހެންނަމަވެސް އިދިކޮޅު ޕާޓީއަކުން އަދި އާންމުންވެސް ނުކުމެއްޖެ ނަމަ، ދެން ނެރެނީ އަނެއްކޮޅު ކުޅުންތެރިންނެވެ. ދަނޑި ބުރި އަދި ޕެޕާރ ސްޕްރޭ ހިފައިގެން ތިބޭ ކުޅުންތެރިންނެވެ. މި އުސޫލުގެ މަތިން ހަމަޖެހުން ގާއިމު ކުރެވިފައިވާ ކަމަށް ބުނާ ނަމަ ބުނަންވީއެވެ.

އިޖްތިމާއީ މަސައްކަތާއި ކުޅިވަރު: ފޮޓޯ/ ރައީސް އޮފީސް ވެބްސައިޓު

ދެން އޮތީ އެންމެ ހާއްސަ ދެ ވައުދެވެ. އިންސާފު ގާއިމުކޮށްދެއްވުމުގެ ވައުދާއި، ކޮރަޕްޝަން ހުއްޓުވުމަށް އެ މަނިކުފާނު ވެލައްވާފައިވާ ވައުދެވެ.

އިންސާފުގެ ދަތުރު ފެއްޓެވި އޮޑި، ވަކި ހިސާބަކުން ފެތުނީ ކަމެއް ފައްތާލީ ކަމެއްވެސް ސާފެއް ނޫނެވެ. ވެރިކަމަށް ވަޑައިގަތުމަށް އިންސާފު ގާއިމުކޮށްދެއްވުމަށް ވައުދުވެލައްވާފައިވީނަމަވެސް މިއަދު ދިވެހި ކޯޓުތަކުގެ ވާހަކަތަކުން ފެށިގެން، މުޅި ޝަރުއީ ނިޒާމާއި މެދު ދައްކާ ވާހަކަތަކަށް އަލި އަޅުވާލި ނަމަވެސް ފެންނަނީ ނާމާން ކަމެވެ. ވެރި މަނިކުފާނުގެ ވެބްސައިޓުގައި ވާގޮތުން މި ވައުދުވެސް އޮތީ ފުދި ނިމުމާއި ގާތުގައެވެ.

އެހެން ނަމަވެސް ދާދި ފަހުން ދިވެހިރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރެއް ދެއްކެވި ވާހަކަތަކުން މި ދާއިރާ އޮތް ހާލަތު އިންގެއެވެ. އެނާ ވިދާޅުވީ، ކޯޓުތަކާއި ޝަރުއީ އިދާރާތައް އަދި އިންސާފު ގާއިމު ކުރުމާއި ގުޅުންހުރި މުއައްސަސާތަކަށް ބަޔަކު މީހުން ނުފޫޒު ފޯރުވާކަމަށެވެ. އެނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައިވެސް އެފަދަ ނުފޫޒެއް އޮތް ފަދަ ގޮތަކަށް ސިފަކުރައްވާފައެވެ.

ޖޭއެސްސީވެސް އޮތީ ހަމަ އޮތްތާނގައެވެ. އިސްލާހީ މަސައްކަތްތަކާއިމެދު މަޝްވަރާ ކުރެވެން ފެށީވެސް ވެރިކަން ނިމެން ސަތޭކަ ވަރަކަށް ދުވަހަށް ވުމުންނެވެ. އިދިކޮޅުގައި އޮތް ކުރެއްވި ހަމައެކަނި ކަމަކީ މަގުމައްޗަށް ނުކުމެ ހަޅޭ ލެވުންކަމަށް ސިފަވާކަހަލައެވެ. އަނެއް ދިވެހިރާއްޖޭގެ ވެރިޔާ ވިދާޅުވާގޮތުން ނަމަ، މިހާރު ހުންނެވި ރައީސް ދައްކަވާ ވާހަކަތައް ދެކޮޅު ނުޖެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން އަދި ޕޯޑިއަމް އަކަށް އަރާ ހުއާ ކުރެއްވި ނަމަވެސް، އެއީ ވައުދުވުމެއްވެސް ނޫނެވެ.

އިންސާފު: ފޮޓޯ/ ރައީސް އޮފީސް ވެބްސައިޓު

މި ސަރުކާރު ވެރިކަމަށް ވަޑައިގަތީ ވަރަށްވެސް މޮޅު ޝިޔާރެއް ހިއްޕަވައިގެންނެވެ. ”ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން“ މި ޝިޔާރެވެ. އެހެން ނަމަވެސް ވެރިކަން ކުރާ ޕާޓީގެ ޗެއަރޕާސަންއެއް ހޮވުމަށް ބެއްވި އިންތިހާބުގެ ތެރެއިން ޓޮލަރެންސް ހުރި ވަރު ފެނިގެންދިޔައެވެ. ކެމްޕެއިންގެ ތެރެއިން މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވި ކެނޑިޑޭޓުން ދެއްކެވީ ޕާޓީ އަދި ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކުގެ ވާހަކައެވެ.

ކޮރަޕްޝަން ހުއްޓުވުން: ފޮޓޯ/ ރައީސް އޮފީސް ވެބްސައިޓު

ކުރެވިގެންދިޔައީ އާދައިގެ ތުހުމަތުތަކެއްވެސް ނޫނެވެ. ދެކެވެމުންދިޔައީ ކޮވިޑްގެ ދަތި ދަނޑިވަޅުގައި ގެނައުމަށް ނިންމި ވެންޓިލޭޓަރުތަކެއް ގެއްލުނު ވާހަކައެވެ. އެހެން ނަމަވެސް އަނެއް ދިވެހިރާއްޖެ ގެނެސްދެއްވި ރައީސް އަދި ޖާޒީރާވަންތަ ރާއްޖެ ގެނެސްދެއްވި ރައީސްވެސް ހުންނެވީ ހަމަ އަޑު އައްސަވާށެވެ. އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ކޮރަޕްޝަން ޓޮލަރޭޓު ކުރެއްވި ވަރުން ޖަޒީރާ ރައީސް ”ރިއެކްޓް“އެއްވެސް ނުކުރައްވައެވެ. އެ ވާހަކަތައް އިވޭ ކަމައްވެސް ނުހައްދަވައެވެ. އެހެން ނަމަވެސް މިއީ އެމަނިކުފާނު ދިވެހިންނަށްޓަކައި 100 އިންސައްތައިން ފުއްދައިދެއްވާފައިވާ ވައުދެކެވެ.

ގިނަ އަދަދެއްގެ ވައުދުތަކެއް ވުމަށް ފަހު ގިނަ މަސައްކަތްތަކެއްވެސް ކުރެއްވިކަމަށް  ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް އަޅުގަނޑު ގަބޫލު ކުރާގޮތުން، ނަމެއްގައި މަސައްކަތެއް ކުރާ ނަމަ، އެ ކުރި މަސައްކަތުގައި އެއްވެސް އޮއްޓަރެއް ނުހުންނާނެއެވެ. ކުރާ މަސައްކަތުގެ ފައިދާއެއް ލިބުނަސް ލިބޭނީވެސް ވާންޖެހޭ ފައިދާއެއްވެސް ނޫނެވެ. ލިބެންޖެހޭ ފައިދާ އަދި މަންފާ ލިބޭނީ ނަމެއް ހޯދުމުގެ ބަދަލުގައި އިހުލާސްތެރިކަމާއިއެކު މަސައްކަތެއްކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: