ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ކުޑަކުދިން ދައްކާ ކަހަލަ ބޯ ހަމަ ނުޖެހޭ ވާހަކަ ދައްކާތީ ހައިރާންވެއްޖެކަމަށް ވިދާޅުވެ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، ކުރީގެ ރައީސް އަބްދުލް ޔާމީން އަބްދުލްގައްޔޫމްއަށް، އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުލް ރައްދުދެއްވައިފިއެވެ.
އިމްރާން މިފަދައިން ވިދާޅުވީ ރައީސް ޔާމީން ހއ އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން އިއްޔެ ބާރަށަށް ވަޑައިގެން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައެވެ. މި ފަހަށް އައިސް ރައީސް ޔާމީން ގެންދަވަނީ އެމަނިކުފާނުގެ ކޮންމެ ސްޕީޗެއްްގަައިވެސް އަދާލަތު ޕާޓީއަށް ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުކުރަމުންނެވެ.
އެގޮތުން އިއްޔެ އެމަނިކުފާނު ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގައި ހިމެނޭ، އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު އެމަނިކުފާނުގެ ޝަރީއަތްތައް ހިނގަމުންދާ ގޮތް ބަލާތީ ސުވާލު އުފެދޭކަމަށެވެ.
އެވާހަކައަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ކުޑަކުދިން ދައްކާ ކަހަލަ ބޯ ހަމަ ނުޖެހޭ ވާހަކަ ދައްކާތީ ހައިރާން ވާކަމަށެވެ.
Raajjeyge Raeeskan kurehvi beyfulhaku kudakudhin dhakkaa kahala boa hama nujehey vaahaka dhakkathee hama hairaan vey. https://t.co/7adVLpDuAG
— Imran Abdulla (@ShimranAb) October 17, 2022
މީގެ ކުރީގައިވެސް ރައީސް ޔާމީން ވަނީ އަދާލަތު ޕާޓީއަށް އަމާޒުކޮށް ފަތަން ނޭނގޭނަމަ ފުން ކަނޑަށް ފުންމައިނުލުމަށާއި، ދައްކަން ނޭނގޭ ވާހަކަތައް ނުދައްކައި ދޫކޮށްލުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ރައީސް ޔާމީން ވިދާޅުވީ މިހާރު މިއޮތީ ސިޔާސީ ގޮތުން ރާއްޖެއަށް އަންނަ ބޮޑު އިރުވައި މޫސުން ކުރިމަތިވެފައި ކަމަށެވެ. މި މޫސުމުގައި ފަގުނޑި ތުރުކުރައްވައިގެން ދީނީ އިލްމުވެރިން ރަށްރަށަށް ވަޑައިގެން ވަރަށް ގިނަ ވާހަކަފުޅުތައް ދައްކަވާނެ ކަމަށެވެ. އެގޮތުން މިސާލެއް ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެއިރު އެ ބޭފުޅުން ރަސޫލާ ދުއާ ދެއްވި ވެރިކަން ކަމަށް ސިފަކުރެއްވި ވެރިކަން މިއަދު ހިނގަމުން މިދަނީ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ވިދާޅުވާއިރު ނުދައްކަވާނެ ވާހަކައެއް ނޯންނާނެކަމަށާއި، ފަހުން އެެ ވާހަކަތަކާމެދު ރައްޔިތުން ޝަކުވާކުރަން ފެށުމުން އެހެން ޝައިޚަކު ނިކުމެވަޑައިގެން އެ ވާހަކައިގެ ތަރުޖަމާދެއްވާނެ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ އަދާލަތު ޕާޓީއާއި ގުޅިވަޑައިގެންނެވި ނަމަވެސް ﷲ ގެ ދިންނެވުން ނުލިބޭނެކަމަށްވެސް ވިދާޅުވެފައެވެ.
އަދާލަތު ޕާޓީއަކީ ދިވެހިރާއްޖޭގައި ފަޑުވަމުންދިޔަ އިސްލާމް ދީން ދިފާއުކުރުމަށްޓަކައިކަމަށް ބުނެ ވުޖޫދުކުރި ޕާޓީއެއް ނަމަވެސް، މި މަގުން ޕާޓީގެ މަސައްކަތްތައް ނުދާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔުން އަމާޒުކުރަމުންނެވެ.

