ރާއްޖޭގެ ސަރަހައްދައް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން އެކަމާމެދު ފާސްވާ ގާނޫނަކުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނައުމަށް ސަރުކާރުން ނިންމާފައިނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑު ބަދަލު ކުރުމާއި އެކި އެކަމާއި މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ އައްޑޫގެ ދެކުނުން އޮންނަ ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.
ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި އަދިވެސް ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާކަމަށް ފާހަގަކޮށް، އެ އޮފީހުގެ މީޑިއާ އޮފިޝަލް ހުސެއިން ހަސަން ވިދާޅުވީ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ރާއްޖެއިން ގަބޫލުކުރަން ނިންމީ އެއީ ބައިނަލްއަގުވާމީ މުޖުތަމައުގެ ވިސްނުން ކަމަށް ވާތީ އެ ވިސްނުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ ބަދަލުވީ އދ. ގައި ނަގާ ވޯޓިންގެ ސިޔާސަތުކަަމަށާއި ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ ގައި ރާއްޖެއިން ވޯޓު ދޭނެކަމަށެވެ.
ނޫސްވެރިންގެ ސުވާލުތައް ގިނަވެ، ބަންޑާރަ ނައިބުގެ އޮފީހުގެ މީޑިއާ ގުރޫޕުގައި ވެސް އެވާހަކަތައް ދެކެވުނެވެ. ރިޕޯޓުތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރެއްގައި ދައުވާކޮށްފައި ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބައެއް ޗާގޮސްގެ ސަރަހައްދަށް ވަންނަކަމަށް މޮރިޝަސްއިން ބުނާ މައްސަލައިގައި އިޓޮލްސްގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑް ބަދަލުވެފައި ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން އެކަމަކާމެދު ފާސްވާ ޤާނޫނަކުން ކަމުގައި ޤާނޫނުއަސީގައި ބަޔާންކޮށްފައިވީ ހިނދު، ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނައުމާމެދު އެއްވެސް ނިންމުމެއް ސަރުކާރުން ނިންމައިފައިނުވޭ. https://t.co/qIU0ctlTk3
— Miuvan (@Miuvaan) October 23, 2022
ޗާގޯސް އައިލެންޑްސްގެ މައްސަލާގައި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން މޮރިޝަސްއާ އެއްކޮޅަށް ނެރެފައިވާ ލަފާ ތަންފީޒު ކުރަން އދ. ގައި މީގެކުރިން ރާއްޖެއަކުން ވޯޓެއް ނުދެ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރާއި އަދި އޭގެކުރިން އެ މައްސަލާގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން ނިންމި ކަމަށް ހަބަރުތައް ފެތުރިފައިވާ އިރު އެކަމާއި މެދު ސިޔާސީ އިސް ފަރާތްތަކާއި ގާނޫނީ ވަކީލުންނާއި އާއްމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަބަކީ އެނިންމުން ނިންމައިފި ނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވެގެންދާނެތީއެވެ.
ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެ، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭނެކަން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ހާމަކުރެއްވީ ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ބައެއް ހޯދަން ކަމާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައިގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހުއެވެ.
Agent of Maldives AG @ibriffath delivered the opening statement of Maldives to a Special Chamber of @ITLOS_TIDM at the oral proceedings in the dispute concerning delimitation of the maritime boundary between Mauritius and Maldives in the Indian Ocean #ITLOSCase28 pic.twitter.com/SPdwSRx3gQ
— AG Office Maldives (@AGOmv) October 20, 2022
ރިފްއަތު ވިދާޅުވީ މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމިކަން ހާމަކޮށް، މިދިޔަ އޮގަސްޓް މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ ކަނޑުގެ މައްސަލާގައި އުފެދިފައިވާ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވާކަން ރައީސް އިބްރާހމް މުހައްމަދު ސާލިހު ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް މިދިޔަ އޯގަސްޓް މަހުގެ 22 ގައި ފޮނުއްވި ސިޓިއެއްގައި ހާމަކޮށްފައެވެ. އެ ސިޓީގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން މޮރިޝަސް އާއި އެއްކޮޅަށް ނެރެފައިވާ އެޑްވައިޒަރީ ބަލައިގަނެ ވޯޓް ދޭނެ ކަމުގެ ޔަގީން ކަން އަރުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ދިވެހި ސަރުކާރުގެ ސިޔާސަތަށް އައި ބަދަލާ ގުޅިގެން މޮރިޝަސް ސަރުކާރުން ވަނީ، އިގުތިސޯދީ ސަރަހައްދުގެ ބައުންޑަރީގެ ބޭނުމަށް ކުރި ބެހިމް ފަރުގެ ދިރާސާގެ ހަރަދުތައް ނަގައިދިނުމުގެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާޙިމް ވެސް ވަނީ ހިޔާލު ފާޅުކުރައްވާފައެވެ.
ދިވެހިރާއްޖެއާ ޗާގޮސްގެ މައްސަލައިގައި އަޅުގަނޑުގެ ޚިޔާލް pic.twitter.com/frGeMHM4Bo
— Qasim Ibrahim (@qasimibrahim) October 23, 2022
އެގޮތުން ގާސިމްގެ ޓްވީޓްގައި ވަނީ ރާއްޖޭގެ ބިމާއި ރާއްޖޭގެ ކަނޑުން އެންމެ ކޮޑި އިންޗިއެއްވެސް ގެއްލެން ނުވަތަ ބަޔަކަށް ދޭން ގައުމީ ލޭހުރި އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށާއި ރާއްޖޭގެ ކަނޑުގެ އިން ވަކިކުރިނަމަވެސް ބައިނަލްއަގްވާމީ ގާނޫނުން ރާއްޖެއަށް ލިބިދޭ އެއްވެސް ހައްގެއް، އިމްތިޔާޒެއް ނެގެން އޮތް އެޑްވާންޓޭޖެއް ދޫކޮށްލުމަކީ ދިވެހި ރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ގާނޫނު އަސާސީގެ ރޫހަކީ ވެސް އެއީ ކަމަށެވެ.
ދިވެހި ރާއްޖެ އާއި ޗާގޮސްގެ ފުށުއަރާ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ، އިކުއިޑިސްޓޭންސް ގެ އުސޫލު ކަމަށް ދެކި ބަޔަކު ހަމައެދޭއިރަށް ފަސޭހަކަމާއެކު އެގޮތަށް ދީލައިލުމަކީ ރާއްޖެއަށް އެންމެ މަސްލަހަތު ހުރިގޮތް ކަމަށް ނުފެންނަ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ. ސަބަބަކީ އިން ވަކިކުރަން ހުށައަޅާފައިވަނީ އަންޒަމާނުންސުރެ އާބާދީގެ ބޮޑު ބައެއް ކަނޑު ރޯއްޖަަށް ބަރޯސާވާ މީހުން ދިރިއުޅޭ ދިވެހިރާއްޖެއާ މިދިޔަ ބައިގަރުނުވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި އަދި މުސްތަގުބަލުގައިވެސް އެފަދަ ގޮތަކަށް އޮތުމުގެ ފުރުސަތު ބޮޑުވުން ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ. އަދި ޗާގޮސް އަކީ އިތުރު 99 އަހަރަށް އެމެރިކާގެ އަސްކަރީ ބަނދަރަކަށް ކުއްޔަށްދޭން ހުށައަޅާފައިވާ ތަނަކަށް ވާތީ އދ ގެ ކަނޑުގެ ގާނޫނީ ހަމައިން 200 ނޯޓިކަލް މޭލް ރާއްޖެއިން ކްލެއިމް ކުރެވޭނެ ކަމަށެވެ.
ދިވެހިން އެދެނީ ދިވެހި ސަރުކާރުން ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ މަސްލަހަތުގެ ހިމާޔަތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއްވެސް އިހްލާސްތެރިކަމާއެކު ކުރާތަން ފެނުން ކަމަށާއި އެކަމުގައި ފީނެން އޮތް އެންމެ ދުރަކަށް ފީނާތަން ދެކެން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ގާސިމްގެ ޓްވީޓް ނިންމާލަމުން ވިދާޅުވެފައިވަނީ ތިމާގެ އަމިއްލަ މުދަލެކޭ ހިތައި އެހެން ބައެއްގެ މިލްކެއް ބޮޑުބޭބެގެ އެދުމަކަށް ދޫކޮށްނުލާކަން ސާބިތުވާން ޖެހޭ ކަމަށެވެ.

