ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމުއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމްއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން ހާމަކުރައްވާ ޖޭއެސްސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުން ގާޒީ ހަސަން ފަހީމްއާއި ގުޅޭ ހަތަރު މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުނެވެ.
ގާޒީ ހަސަން ފަހީމްއާއި ގުޅޭ ގޮތުން ހުށަހެޅުނު ހަތަރު މައްސަލައިގެ ތެރެއިން ތިން މައްސަލައިގައި މައްސަލަ ބެލި ކޮމެޓީން ނިންމީ ގާޒީ ފަހީމުއާމެދު ފިޔަވަޅު ނޭޅުމަށެވެ. ނަމަވެސް އެއް މައްސަލައެއްގައި ގާޒީ ހަސަން ފަހީމްއާމެދު ފިޔަވަޅު އެޅުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އެގޮތުން ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ސުލޫކީ ފިޔަވަޅު އަޅަން ނިންމި މައްސަލައަކީ ޣައިރު ހާޒިރުގައި ހުކުމްކުރި މައްސަލައެކެވެ. ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ މައްސަލާގައި، ޤާޒީ ޙަސަން ފަހީމް ޢަމަލުކޮށްފައިވާގޮތަށް ބަލާއިރު، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލައިގައި ޙުކުމްކޮށް މައްސަލަ ނިންމާފައިވާކަމަށް ކޮމިޝަންގެ ތަޙްޤީޤުގައި ޤާޒީ ޙަސަން ފަހީމް އިޢުތިރާފުވެފައިވާ ކަމަށެވެ.
ޖޭއެސްސީން ފާހަގަ ކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި ހަމަ އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި (ރ) އަށް ބެލުމުން، މައްސަލައާގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ޤަރީނާ ހުށަހެޅުމާއި، މައްސަލައާގުޅޭ ވާހަކަތައްދެއްކުމަށް މައްސަލައިގެ ޚަސްމުންނަށް ނުވަތަ ޚަސްމުން ތަމްސީލުކުރާ ފަރާތްތަކަށް އިޖުރާޢަތުގައިވާގޮތުގެ މަތިން އެކަށޭނެ ފުރުޞަތު ދޭންޖެހޭނެއެވެ.
އެހެންކަމުން ޤާޒީ ޙަސަން ފަހީމްގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި ހަމަ އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި (ރ) އާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 2.4 އާއި 3.1 އާއި އަދި 3.2 އާއި ޚިލާފު ޢަމަލެއްކަމަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ޤާޒީ ޙަސަން ފަހީމް އިބްރާހީމަށް ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

