ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް ޢަލީ ރަޝީދު ޙުސައިން، އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަރކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމަވައިފިއެވެ.
ޖޭއެސްސީން މިއަދު ހާމަކުރެއްވި ގޮތުގައި، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ރިޓަޔަރކުރެއްވުމަށް އެދިވަޑައިގެންފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 27 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދުގެ ދަށުންނެވެ.
މި ހުށަހެޅުއްވުމާ ގުޅިގެން، ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދުގެ ދަށުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު، އެމަނިކުފާނު އެދިވަޑައިގެންނެވި ފަދައިން 1 ޑިސެންބަރު 2026 އިން ފެށިގެން ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށްދެއްވުމަށް ނިންމެވީ، މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވުނު ޖޭއެސްސީގެ ޖަލްސާގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ރިޓަޔަރކުރެއްވުމަށް ނިންމެވުމާ ގުޅިގެން، ހުސްވާ އެ މަޤާމަށް އައު ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ވެސް ކޮމިޝަނުން މިހާރު ވަނީ ފަށާފައެވެ. އެގޮތުން، ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޖޭއެސްސީން މައުލޫމާތު ދެއްވައެވެ.
ފަނޑިޔާރު އަލީ ރަޝީދު ޙުސައިނަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީއަތާއި ޤާނޫނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައި، ރާއްޖޭގެ ޝަރުއީ ދާއިރާގައި ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އެގޮތުން، 2020 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވުމުގެ ކުރިން، އެމަނިކުފާނު ވަނީ ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވުމުގެ އިތުރުން، އެ ކޯޓާއި ސިވިލް ކޯޓު އަދި ޑްރަގް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވައި، ޝަރުއީ އެކި މަރުހަލާތަކުގައި މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

