ބ ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަހުމަދު ނިޝާރު އެމަގާމުން ވަކިކުރުމުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނިކޮށް އޭނާ ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދީފައިވަނީ ނޮވެމްބަރު މަހުގެ 08 ވަނަ ދުވަހު ކަމަށް ޖޭއެސްސީ އިން ވަނީ ބުނެފައެވެ. އިސްތިއުފާ ދެއްވިއިރު އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ދަނީ ދިރާސާ ކުރަމުންނެވެ.
ފަނޑިޔާރު ނިޝާރު އިސްތިއުފާ ދީފައިވަނީ މަޤާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަގޮތުގައި ބޭނުންކޮށް ނާޖާއީޒް މަންފާއެއް ހޯދުމުގެ ގަސްތާއެކު މަސައްކަތްކޮށްފައިކަމަށް ސުލޫކީ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެފައިވަނިކޮށެވެ.
ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ނިޝާރު މަގާމުން ވަކިކުރުމާ ގުޅޭ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވުމަށް ނިންމީ އެހެން ފަނޑިޔާރާއި ހަވާލު ކުރެވިފައިވާ މައްސަލައެއް އޭނާ އަމިއްލަ އަށް ބެލުމާއި ހަވާލުވުމުގެ ސަބަބުންނެވެ.
ނިޝާރު އެ މައްސަލައާއި ހަވާލުވީ ދައުވާ ލިބޭ ފަރާތާއި އޭނާ އާއި ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން ނަހަމަ ގޮތުގައި އޭނާގެ މަގާމުގެ ބޭނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯދުމުގެ ނިޔަތުގައިކަން ސާބިތުވާ ކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ. އަދި އެކަމަކީ ގާނޫނާއި ހިލާފު ކަމެއްކަމަށް ވާތީ، ނިޝާރު ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް މައްސަލަ މަޖިލީހަށް ހުށައަޅާފައިވާ ކަމަށް ޖޭއެސްސީ އިން މަޖިލީހަށް ފޮނުވި ސިޓީގައި ވެއެވެ.

